ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާ ދިނުމުގައި އިސްކޮށް ހުރި ކަމަށް ފުލުހުން ބުނާ އަދުހަމް އަހްމަދު ރަޝީދު ހައްޔަރު ކުރި ވަގުތު އޭނާ ދިރިއުޅޭ ގޭގައި ކުޑަކަކޫ މައްޗަށް ތިރިކޮށްފައިވަނިކޮށް ފެންނަ ފޮޓޯއެއް އާންމުވެފައިވާތީ އެ ފޮޓޯ އާންމުވި ގޮތް ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
އަދުހަމް ހައްޔަރު ކުރި ވަގުތު އޭނާ ދިރިއުޅޭ ގޭގައި ކުޑަކަކޫ މައްޗަށް ތިރިކޮށްފައިވަނިކޮށް ފެންނަ ފޮޓޯ އާންމުވެފައިވާތީ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އަދި އެއީ ފުލުހުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށްވެސް ބައެއް މީހުން ބުނެފައިވެއެވެ.
އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒު ވިދާޅުވީ އެ ފޮޓޯ އާންމުވެފައިވާކަން ފުލުހުންނަށްވެސް އެނގިފައިވާ ކަމަށާ އެކަން ބަލަމުންދާ ކަމަށެވެ. އެއީ ފުލުހުން ނެގި ފޮޓޯއެއްތޯ ނުވަތަ އެހެން މީހަކު ނެގި ފޮޓޯއެއްތޯ ބަލާނެ ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ. ރިޔާޒު ވިދާޅުވީ އަދުހަމް ހައްޔަރުކުރީ އޭނާ ހުޅުމާލޭގައި ދިރިއުޅޭ ފްލެޓުން ކަމަށާ އެއީ އެހެން މީހުންވެސް ތިބި ތަނެއް ކަމުން އެ ފޮޓޯ އެެހެން ގޮތަކުންވެސް އާންމުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ފުލުހުން ބުނީ ޓެރަރިޒަމްގެ ހަމަލާއާ ގުޅިގެން ވަކި މީޑިއާއަކަށް ފޮޓޯ އާއި އެހެނިހެން މައުލޫމާތު ފުލުހުން ނުދޭނެ ކަމަށާ މެއި ހައެއްގެ ހަމަލާއާ ގުޅިގެން ހިނގާ ތަހުގީގުގެ މައުލޫމާތު ހުރިހާ މީޑިއާތަކަށް ހަމަހަމަކޮށް ފޯރުކޮށްދެމުންދާ ކަމަށެވެ.
"ފޮޓޯއާ ގުޅޭގޮތުން އަޅުގަނޑުމެންނަށްވެސް ޝަކުވާ ލިބިފައިވަނީ. އެހެންވީމަ އެކަން އަޅުގަނޑުމެންވެސް މި ދަނީ ބަލަމުން،"
އަދުހަމް ހައްޔަރުކުރީ ހުޅުމާލޭގައި އޭނާ ދިރިއުޅޭ ފްލެޓް (95-ޖީ-02) އިންނެވެ. ހަމަލާ ދިނީ ބްރާސްފަތި ދުވަހު ކަމަށްވާއިރު އޭނާ ގެއަށް ދިޔައީ ހުކުރު ދުވަހު އިރުއެރި ފަހުން ކަމަށްވެސް އެނގިފައިވެ އެވެ.
އަދުހަމް ހައްޔަރުކުރި ކުރުމަށް ފަހު އެކަމުގެ މައުލޫމާތު ހާމަކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ އޭނާ ހައްޔަރުކުރި ވަގުތު ތުނބުޅި ކޮށާލާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އޭނާގެ ބޮލުގެ އިސްތަށިގަނޑު ތުނިކުރަން މަސައްކަތް ކޮށްފައިވާކަންވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ.