އުރީދޫއިން މިނިވަން 50 ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ "ބިގް މިލިއަން އޮފާ" ޕްރޮމޯޝަންގެ ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފި އެވެ.
މިލިއަނެއްހާ ރުފިޔާގެ އިނާމު ލިބޭ ގޮތަށް ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައި، އިނާމު ހަވާލު ކުރުން އޮތީ "ދިއެފްއެމް ޕްލަސް" ގައި ބޭއްވި ލައިވް ޕްރޮގްރާމެއްގަ އެވެ.
އުރީދޫން ބުނީ ބިގް މިލިއަން ޕްރޮމޯޝަންގައި ޖުމްލަ 12،000 އަށް ވުރެ ގިނަ ކަސްޓަމަރުންނަށް ތަފާތު އިނާމުތައް ހަވާލުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިލޭ މިނެޓާއި ހިލޭ ޑޭޓާ އަދި އައިފޯން ހައެއްގެ އިތުރުން ބިގް މިލިއަން ކޭޝް ޕްރައިޒް ވެސް ހިމެނެ އެވެ.


ބިގް މިލިއަން ރޭޝް ޕްރައިޒްގެ ގޮތުގައި ގުރުއަތުން ދިމާވި 10 ނަސީބުވެރިން ކުރެ ކޮންމެ މީހަކަށް 100،000 ރުފިޔާ ދީފައިވެ އެވެ.
އުރީދޫން ބުނީ މި އިނާމު ހަވާލު ކުރުމުގެ ރަސްމިއްޔާތައް ނުދާ މީހުންނަށް ފަހުން އިނާމު ހަވާލު ކުރާނެ ކަމަށެވެ.
އުރީދޫން ދަނީ އެކި މުނާސަބަތުތަކާ ދިމާކޮށް މިފަދަ ގިނަ ޕްރޮމޯޝަންތަކެއް ހިންގަމުންނެވެ. އެގޮތުން ރޯދަ އާއި އީދު ފަދަ މުނާސަބަތުތަކާ ދިމާކޮށްވެސް ޕްރޮމޯޝަންތައް ބާއްވަ އެވެ.