އީދު ފާހަގަ ކުރުން

ދެ އީދުގެ ސުންނަތްތައް

ފިޠުރު ޢީދަކީ މުސްލިމުންނަށްޓަކައި މާތް ﷲ ލައްވާފައިވާ ދެޢީދުގެ ތެރެއިން އެއް ޢީދެވެ. މާތް ނަބިއްޔާ صلى الله عليه وسلم މަދީނާއަށް ހިޖުރަ ކުރެއްވިއިރު، އެބައިމީހުން ކުޅިވަރުކުޅެ އުފާފާޅުކޮށް އުޅުނު ދެދުވަހެއް ވިއެވެ. އެހިނދު ޙަދީޘްކުރެއްވިއެވެ. "މިއީ ކޮން ދެ ދުވަހެއް ހެއްޔެވެ؟" މީސްތަކުން ދެންނެވި އެވެ. "މިއީ ޖާހިލިއްޔަ ޒަމާނުގައި ތިމަންމެން ކުޅެއުޅުން ދެ ދުވަހެވެ." ޙަދީޘް ކުރެއްވިއެވެ. "ހަމަކަށަވަރުން، މާތް ﷲ ވަނީ ތިޔަބައިމީހުންނަށް، އެ ދެ ދުވަހުގެ ބަދަލުގައި އެއަށްވުރެ މާ ހެޔޮވެގެންވާ ދެދުވަހެއް ދެއްވާފަ އެވެ. އެއީ ފިޠުރު ޢީދު ދުވަހާއި އަޟުޙާ ޢީދު ދުވަހެވެ."

ފިޠުރު ޢީދު ދުވަހަކީ ޝައްވާލު މަހުގެ އެއްވަނަ ދުވަހެވެ. ރަމަޟާންމަހުގެ ރޯދައިގެ އަޅުކަން ނިމުމާ ވިދިގެން އަންނަ މިޢީދަށް ފިޠުރު ޢީދޭ ނަންދެވިފައިވަނީ ވެސް ރޯދައިގެ އަޅުކަން ނިމިގެން އަންނަ ޢީދެއް ކަމުގައި ވާތީ އެވެ. ދެ ޢީދު ދެދުވަހާ ގުޅިފައިވާ ސުންނަތްތަކެއްވެއެވެ. އެ ސުންނަތްތަކުގެ މައްޗަށް ބަލައިލަމާތޯއެވެ؟

ރޯދަމަސް ނިމުމާއި، ފިޠުރު ޢީދާއި ގުޅިފައިވާ އެންމެ މުހިންމު ކަމަކީ ފިޠުރު ޒަކާތް ނެރުމެވެ. ފިޠުރު ޒަކާތް ނެރުމުގެ އެންމެ ފަހު ވަގުތަކީ ޢީދު ނަމާދު ފެށޭ ވަގުތެވެ. ވީމާ، ޢީދު ނަމާދުގެ ކުރިން ފިޠުރު ޒަކާތުގެ އަޅުކަން އަދާކުރެއްވުމަށް ފަރުވާތެރިވެލައްވާށެވެ.

ފިޠުރު ޢީދު ދުވަސް ފެށެނީ، ޝައްވާލު މަހުގެ ހަނދު ފެނުމާ ގުޅިގެންނެވެ. ނުވަތަ ރަމަޟާންމަހުގެ ތިރީސްވަނަ ދުވަހުގެ އިރު އޮއްސުމުންނެވެ. ޢީދާ ގުޅިފައިވާ މަތިވެރި ޝިޢާރުތަކުގެ ތެރޭގައި، ޢީދުގެ ހަނދު ފެނުނީއްސުރެ ނުވަތަ ރޯދަމަހުގެ އެންމެ ފަހު ދުވަހުގެ އިރު އޮއްސުނީއްސުރެ ގޮސް ޢީދު ނަމާދާ ހަމައަށް ތަކުބީރު ކިޔުން ހިމެނެއެވެ. މި ޢީދާ ބެހޭގޮތުން މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ وَلِتُكَبِّرُوا اللَّهَ عَلَى مَا هَدَاكُمْ ﴾ (البقرة 185) މާނައީ: "އެއީ ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަމުގެ މައްޗަށް ﷲ އަށް ތަކްބީރު ކިޔައި އުޅުމަށްޓަކައެވެ." ޢީދު ވިލޭރެއާއި ޢީދު ދުވަހު، ގޯތި ގެދޮރުގައާއި އާއްމު ތަންތާނގައި، ޢީދު ނަމާދުގެ ކުރިން ތިކުބީރު ކިޔައި އުޅުމަކީ ވަޅުޖެހި ނެތެމުންދާ ސުންނަތެކެވެ. ވީމާ، މި ސުންނަތް ދިރުވައި އާލާ ކުރުމަށް މަސައްކަތް ކުރައްވާށެވެ.

ޢީދުގެ ސުންނަތްތަކުގެ ތެރެއިން އަނެއް ކަމަކީ ޢީދު ނަމާދަށް ހިނައިގަތުމެވެ. އަދި ތިމާގެ އަތުގައިވާ އެންމެ ރީތި ފޭރާމެއް ލުމެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ވެސް، އަދި އެކަލޭގެފާނުގެ ޞަޙާބީންވެސް ޢީދު ދުވަހު ރީތި ފޭރާމެއް ތުރުކުރައްވާކަމުގައި ޞައްޙަ ޙަދީޘްތަކުގައި ވާރިދުވެރައިވެއެވެ.
ފިޠުރު ޢީދުގެ ސުންނަތްތަކުގެ ތެރޭގައި ޢީދު ނަމާދަށް ދިޔުމުގެ ކުރިން އެއްޗެއް ކައިލުން ހިމެނެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޢީދަށް ވަޑައިގަތުމުގެ ކުރިން ކަދުރު ފަރީއްކުޅުވާ ކަމާށާއި، ކަދުރު ފަރީއްކުޅުވުމުގައި އޮނަހިރި އަދަދަކުން ކޭންބައްލަވާކަމުގައިވެސް ރިވާވެފައިވެއެވެ. ޢީދު ނަމާދަށް ދިޔުމުގެ ކުރިން ކެއުމުގެ ޙިކްމަތަކީ، ރޯދަ ނޫންކަން އިޢްލާނު ކުރުމެވެ. ދެޢީދު ދެދުވަހަކީވެސް ރޯދަ ހިފުން ޙަރާމްވެގެންވާ ދެދުވަހެވެ.

ޢީދާ ގުޅިފައިވާ އެންމެ ފާހަގަކޮށްލެވޭ ކަމަކީ، ޢީދު ނަމާދެވެ. ޢީދު ނަމާދުގެ ޖަމާޢަތަށް ޙާޟިރުވުމަކީ ގަދަވެގެންވާ ސުންނަތެކެވެ. ގޭގައި ތިބޭ އަންހެންވެރީންނާއި، ކުޑަކުދިންނާއި، އަދި ޙައިޟުވެރީންވެސް، ޢީދުގެ ޚުޠުބާ އަޑު އެހުމެއް ޢީދުނަމާދު ކުރެވޭ މައިދާނަށް ދިޔުމަށް ކީރިތި ރަސޫލާ صلى الله عليه وسلم އަމުރު ކުރެއްވިއެވެ. ޙައިޟުވެރިން، މީސްތަކުން ނަމާދުކުރާ ތަނުން ދުރުގައި ތިބޭގޮތަށެވެ. މިއިންވެސް އެނގިގެންދަނީ އެޖަމާޢަތަށް ހާޒިރުވުމުގެ މުހިންމު ކަމެވެ.

ކޮވިޑްގެ މިޙާލަތާ ގުޅިގެން، މާލޭގެ ސަރަހައްދުގައާއި ފުރަބަންދު ކޮށްފައިވާ ރައްތަކުގައި ޖަމާޢަތުގެ ނަމާދުވަނީ މެދުކަނޑާލެވިފައެވެ. އެއާއެކު ޢީދު ނަމާދުގެ ޖަމާޢަތްވެސް ނޯންނާނޭކަމުގައި ކަމާބެހޭ ފަރާތްތަކުންވަނީ ހާމަކޮށްފައެވެ. ޖަމާޢަތް ނެތްނަމަވެސް، ގޭގައި، ގޭގެ ކުދިބޮޑު އެންމެންނާއެކުގައި ނުވަތަ ފަރުދީ ގޮތުން ތިމާ އެކަނި ނަމަވެސް، ޢީދު ނަމާދު ކުރުވިދާނޭކަމަށް ދަންނަބޭކަލުން ފަތުވާދެއްވާފައިވެއެވެ.

މިޔާއެކުގައި އިޖްތިމާޢީ ގައިދުރުކަން ގެންގުޅެން ޖެހިފައިވާ މިދަނޑިވަޅުގައިވެސް، ފޯނާއި، ސޯޝަލް މީޑިޔާގެ ވަޞީލަތްތައް މެދުވެރިކޮށް ނަމަވެސް، ޢާއިލާގެ މެންބަރުންނާއި އެކުވެރިންނަށް ޢީދުގެ ތަހުނިޔާކިޔައި، ހާލުބަލާ އުޅުމަކީވެސް ކުރެވިދާނޭ ކަމެކެވެ. މިގޮތުންވެސް، ޢީދުގެ މި ސުންނަތް އަދާކުރެވިދާނެއެވެ. ބަރަކާތްތެރި ފިޠުރު ޢީދުގެ ތަހުނިޔާ ތިޔަން އެންމެހާ ފަރާތްތަކަށް އަރިސް ކުރަމެވެ.