އެމްއެމްޕީއާރުސީގެ ހިޔާނާތް

ހުރަސް އެޅިޔަސް ހިޔާނާތުގެ ލިސްޓު އާންމުކުރާނެ: މުއިއްޒު

އެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ބުނެ އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލާފައިވާ ލިސްޓް އާންމު ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލާފައިވާ ލިސްޓް އެ ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހާއި ހިއްސާކޮށްފަ އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުވި ލިސްޓްގައި 281 ނަމެއް އޮތް އިރު ކުރިން އެ ކޮމިޝަނުން ހާމަކުރި ގޮތުގައި އެ ލިސްޓްގައި އޭރު އޮތީ 267 ނަމެވެ.

އެ ލިސްޓްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާއި އެ ބޭފުޅުންނަށް ލިބިވަޑައިގެންނެވި ކަމަށް ބުނާ ފައިސާގެ އަދަދާ ގުޅޭ އެކި ވާހަކަތައް ސޯޝަލް މީޑިއާގައި ދަނީ ފެތުރެމުންނެވެ. އަދި ބައެއް ނޫސްތަކުގައި އެ ވާހަކަތައް ދަނީ ރިޕޯޓް ކުރަމުންނެވެ.

އޭގެ ފަހުން ހިޔާނާތުފެ ފައިސާ ލިބުނު ކަމަށް ބުނާ މީހުންގެ ނަންތައް ހިމެނޭ ލިސްޓެއް މިރޭ ވަނީ އާންމުވެފައެވެ. ބައެއް މެންބަރުން ވިދާޅުވި ގޮތުގައި އެއީ ސައްހަ ލިސްޓެކެވެ. ނަމަވެސް ބައެއް މެންބަރުން ވަނީ އެއީ "ފޭކު" ލިޔުމެއް ކަމަށް ވިދާޅުވެފައެވެ.

މެންބަރު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ ލިސްޓް އާންމު ކުރުމަށް ހުރަސް އެޅުމަށާއި އިތުބާރު ގެއްލުވާލުމަށް އަސްލެއް ނެތް ކިތަންމެ ލިޔުންތަކެއް ހަދާ ނެރުނު ނަމަވެސް އެ ހިޔާނާތުގައި ބައިވެރިވާ ހުރިހާ އެންމެންގެ ލިސްޓް އާންމު ކުރާނެ ކަމަށެވެ.

އެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ބުނެ އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލާފައިވާ ލިސްޓް އާންމުކުރަން ބައެއް މެންބަރުންނާއި ގިނަ އަދަދެއްގެ އާންމުން ގޮވާލަމުންދާއިރު މަޖިލީހުގެ ބައެއް މެންބަރުން ގެންދަވަނީ އެ ލިސްޓް މިވަގުތު އާންމުކުރުން ރަނގަޅު ނޫން ކަމަށް ވިދާޅުވަމުންނެވެ. އަދި އެ ލިސްޓް އާންމުކުރަން ގޮވާލުން ޒިންމާދާރު ނޫން ކަމަށްވެސް ބައެއް މެންބަރުން ވިދާޅުވަމުން ގެންދަވަ އެވެ. ނަމަވެސް އެ ބޭފުޅުންނަކީ ކުރިން ހިޔާނާތުގެ ލިސްޓް އާންމުކުރަން ޖެހޭ ކަމަށް ވަރަށް ބޮޑަށް ވަކާލާތު ކުރެއްވި ބޭފުޅުންނެވެ.