ހަބަރު

މަޑުއްވަރީގެ ފަޅުތެރޭގައި އޮތް ޑައިވިން ދޯންޏެއްގައި ރޯވެ އަނދައިފި

Nov 9, 2015

މ. މަޑުއްވަރީގެ ފަޅުތެރޭގައި އޮތް ޑައިވިން ދޯންޏެއްގައި ރޯވެ އަނދައިފި އެވެ.

ފުލުހުން ބުނެފައި ވަނީ ދޯނީގައި ހިނގި އަލިފާނުގެ ހާދިސާގެ ތަފްސީލެއް އަދި ނޭނގޭ ކަމަށާއި އެ ހާދިސާގައި އެކަކަށް އަނިޔާވެ ފަރުވާ ދިނުމަށް ފަހު މިހާރު އެ މީހާ ދޫކޮށްލާފައިވާ ކަމަށެވެ. އެ މީހާ އަށް އަނިޔާވެފައި ވަނީ ދޯނީގައި ރޯވުމުން ސަލާމަތްވާން މޫދަށް ފުންމާލުމުގެ ތެރޭގައި ކަމަށް ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.

އަލިފާނުގެ ހާދިސާ ހިނގިއިރު ދޯނީގައި ހުރީ ބިދޭސީއެކެވެ. އޭނާ އަށް ފަރުވާ ދީފައި ވަނީ ދިއްގަރަށް ގެންގޮހެވެ.

މިއަދު އިރުއޮއްސުނު ވަގުތުގައި ހިނގި މި ހާދިސާގައި ޑައިވިން ދޯންޏަށް ވަނީ ވަރަށް ބޮޑަށް ގެއްލުންލިބިފަ އެވެ. އޮފިޝަލުން ވިދާޅުވެފައި ވަނީ ރޯވެ އެނދުމުގެ ސަބަބުން ދޯނީގެ ގެގަނޑު އެއްކޮށް އަނދައި ހުލިވެފައިވާ ކަމަށެވެ.

މި ދޯނީގައި ރޯވި އަލިފާން ނިންވުމުގެ މަސައްކަތުގައި ހަރަކާތްތެރިވީ ފުލުހުންނާއި ރަށުގެ އާންމުންނެވެ. ނަމަވެސް ދޯނީގައި ރޯވި އަލިފާން ނިވުނީ އެމީހުންގެ މަސައްކަތުން ކަމެއް ނުވަތަ އަނދައި ހުލިވީކަމެއް ނޭނގެ އެވެ.

އަލިފާނުގެ މި ހާދިސާއެއް ހިނގިއިރު ޑައިވިން ދޯނީގައި ޑައިވިން އަށް ދާން ބޭނުންކުރާ ގިނަ ސާމާނުތަކެއް ވެސް ހުރި ކަމަށް ބެލެވެ އެވެ.