ބޮލީވުޑް

"އިންޑިއަން އައިޑަލް" ގެ ހަގީގަތް ފަޅާ އަރުވާލައިފި

ސޮނީ ޓީވީން ދައްކާ މިއުޒިކް ރިއަލިޓީ ޝޯ "އިންޑިއަން އައިޑޮލް" ގެ 12 ވަނަ ސީޒަން މިހާރު ކުރިޔަށް ދާއިރު މި ޝޯގެ ހަގީގަތް ލަވަ ކިޔުންތެރިޔާ އަމިތު ކުމާރު ފަޅާ އަރުވާލައިފި އެވެ.

އެންމެ ފަހުން ދެއްކި ދެ އެޕިސޯޑުގައި ބައިވެރިވީ އަމިތު އެވެ. އެއީ އޭނާގެ ބައްޕަ އަދި ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަށް ޓްރިބިއުޓް ދިނުމަށް ބޭއްވި ދެ އެޕިސޯޑަށް ވާތީ އެވެ. ނަމަވެސް މި ދެ އެޕިސޯޑުގައި ޝޯގެ ބައިވެރިންނާއި ޖަޖުން ކިޝޯރު ކުމާރުގެ ލަވަތައް ކީލެއް ހުތުރު ކަމުން ބެލުންތެރިން ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް މަލާމާތް ކޮށްފައި ވެއެވެ. ޚާއްސަކޮށް ލަވަކިޔުންތެރިޔާ ހިމޭޝް ރޭޝަމްޔާ އާއި ނެހާ ކައްކަރް ލަވަކީލެއް ވަރަށް ހުތުރު ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު އެމީހުންނަށް ވެސް މަލާމަތް ރައްދު ކޮށްފައި ވެއެވެ. އަދި ޝޯގެ ބައިވެރިންގެ ލަވަކިޔާފައި ވަނީ އުންމީދުކުރި ވަރަށް ނޫން ކަމަށް ބެލުންތެރިން ގަބޫލު ކުރެ އެވެ. އަދި މިއީ ކިޝޯރު ފަދަ ލަވަކިޔުންތެރިޔަކަށް އިހްތިރާމް ކުޑަ ކުރުމެއް ކަމަށް ވެސް ކިޝޯރުގެ ފޭނުން ބުނެފައި ވެއެވެ.

މި ހުރިހާ ފާޑުކިޔުންތަކެއް އަމާޒުވާން ފެށުމުން އަމިތު ކުމާރު ވަނީ މި ޝޯގެ ހަގީގަތް ވަރަށް ރަނގަޅަށް ހާމަކޮށްފަ އެވެ. އަމިތު ބުނި ގޮތުގައި ޝޯގައި އޭނާ ޝޯގެ ބައިވެރިންނަށާއި ޖަޖުންނަށް ތައުރީފު ކުރާތީ ފެނުނަސް ހަގީގަތުގައި އޭނާއަކަށް ޝޯގައި އޭނާގެ ބައްޕަގެ ލަވަތައް ކީ ގޮތެއް ކަމަކު ނުދެ އެވެ. އަދި މިފަހަރުގެ ސީޒަންގެ ބައިވެރިންގެ ފެންވަރު ވަރަށް ދަށް ކަމަށް އަމިތު ބުންޏެވެ.

އަމިތު ބުނި ގޮތުގައި އޭނާ އެގޮތަށް ކަންތައް ކުރީ ޝޯ އުފައްދާ ފަރާތުން އެގޮތަށް ކަންތައް ކުރަން އޭނާ ކިބައިން އެދިގެންނެވެ.

މިއީ ކިޝޯރަށް ޓްރިބިއުޓް ދޭ އެޕިސޯޑުތަކަކަށް ވާތީ ޝޯގެ ކޮންމެ ބައިވެރިޔަކަށް ވެސް ވަރަށް ތައުރީފު ކުރުމަށް ޝޯ އުފައްދާ ފަރާތުން އެދިފައިވާ ކަމަށާއި އޭނާ އެ ޝޯގައި ބައިވެރިވީ ފައިސާ ދީގެން ކަމަށް ވެސް އަމިތު ބުންޏެވެ.

އަމިތުގެ މި ވާހަކަ ތަކުން ރިއަލިޓީ ޝޯތަކުގެ އަނދިރި ފަރާތް ވަރަށް ބޮޑަށް ވަނީ ހާމަވެފަ އެވެ. އިންޑީއާގެ ރިއަލިޓީ ޝޯތަކުގައި އަބަދުވެސް ޝޯގެ ބައިވެރިންގެ ފަގީރު އަދި ނިކަމެތި ދިރިއުޅުން ދައްކައިގެން ބެލުންތެރިންނަށް އަސަރު ކުރުވައިގެން ޝޯ ބަލާ މީހުންގެ ސަމާލުކަން ހޯދަން މަސައްކަތްކުރާ ކަމަށް ގިނަ ބަޔަކު އަބަދުވެސް ތުހުމަތު ކުރެ އެވެ. އަދި ފައިސާ ދީގެން ޝޯ އަށް ޚާއްސަ މެހެމާނުންގެ ގޮތުގައި ލަވަކިޔުންތެރިންނާއި މިއުޒިކް ޑައިރެކްޓަރުން ގެނެސްގެން ޝޯގެ ބައިވެރިންގެ ނެތް ހުނަރަށް ތައުރީފު ކުރުވާ ކަމުގެ ތުހުމަތު ވެސް ބައެއް މީހުން ކުރާތާ ކިތަންމެ ދުވަހެކެވެ. މިއީ ހަގީގަތުގައި ވެސް މިކަން ވަމުންދާ ގޮތް ކަން ފަޅާ އަރުވާލާފައި މިވަނީ އަމިތު އެވެ.

މީގެ ކުރިން ވެސް އިންޑިއަން އައިޑޮލް 12 އަށް ސޯޝަލް މީޑީއާގައި ގިނަ ބަޔަކު ފާޑުކިޔާފައި ވެއެވެ. ޝޯގެ ބައިވެރިއެއް ކަމަށްވާ ސަވާއީ ބަޓް އަށް ޚާއްސަ ގޮތްތަކެއް ގެންގުޅޭ ކަމަށް ބުނެ އާއި ޝޯ އިން މިހާރު ވަކިވެފައިވާ ނަޗީކޭޓް ލޭލޭ ޝޯ އިން ބޭރުކޮށްލި ގޮތާ ހިތް ހަމަނުޖެހިގެންނެވެ. އަދި ޝޯގެ އިތުރު ދެ ބައިވެރިން ކަމަށްވާ ޕަވަންދީޕް ރާޖަން އާއި އަރުނީތާ ކާންޖީލާލްގެ ފޭކް ލޯބީގެ ވާހަކައެއް އުފައްދައި އެމީހުން ހަގީގަތުގައި ލޯބިވެގެން އުޅޭކަމަށް ދައްކަން މަސައްކަތް ކުރާތީ އެވެ.

މި ހުރިހާ ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް އަމިތު ކުމާރު ދެއްކި ވާހަކަ ތަކުގެ ސަބަބުން ޝޯ އަށް ވަނީ އިތުރު މައްސަލަތަކާ ކުރިމަތިވެފަ އެވެ.

ޝޯއަށް ކުރިމަތިވެފައިވާ މި ހުރިހާ ފާޑުކިޔުންތަކެއް އަދި ޝޯގެ ޕްރޮޑިއުސަރުން ވެސް އަދި ސޮނީ ޗެނަލުން ވެސް އެއްވެސް އެއްޗެކޭ ބުނެފައެއް ނުވެ އެވެ.