ސިވިލްސާވިސް ކޮމިޝަން

ޓެރަރިޒަމަށް ވާގިދޭ މުވައްޒަފުންނަށް ފިޔަވަޅު އަޅަނީ

ސަރުކާރު މުވައްޒަފުންގެ ތެރެއިން ޓެރަރިޒަމަށް ހިތްވަރު ދިނުމާއި އެފަދަ ކަންކަން ކުރުމުގައި އެހީތެރިވެ ބައިވެރިވާ މީހުނާ މެދު އިދާރީ ފިޔަވަޅު އަޅާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އަންގައިފި އެވެ.

އެ ކޮމިޝަނުން ބުނީ ސީދާކޮށާއި ނުސީދާކޮށް ވިޔަސް ޓެރަރިޒަމަށް ހިތްވަރު ދޭ ފަދަ އަމަލެއްގައި އެއްވެސް ސިފައެއްގައި ސިވިލް ސާވަންޓަކު ބައިވެރިވެއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

އެގޮތުން ސޯޝަލް މީޑިއާ އާއި އެނޫންވެސް ވަސީލަތްތައް ބޭނުން ކުރާއިރު ޓެރަރިޒަމަށް ހިތްވަރު ދިނުމުގެ ގޮތުން ބޭނުންކުރާ ބަސްތަކާއި، ފޮޓޯ އާއި ވީޑިއޯ އާންމުކުރާ ސަރުކާރު މުވައްޒަފުންގެ މައްސަލަ ބަލައި އިދާރީ ފިޔަވަޅު އަޅާނެ އެވެ.

ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދު ކުރާކަން ދޭހަވާ ފަދަ ކަންކަން ނުކުރުމަށް އެ ކޮމިޝަނުން ވަނީ އެދިފަ އެވެ.

މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ރޭ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާ އާއި ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް ވަނީ ސޯޝަލް މީޑިއާގައި ޓެރަރިޒަމަށް ތާއީދުކޮށް ހިތްވަރުދީ އަދި އެފަދަ ކޮމެންޓް ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފަ އެވެ.

ޓެރަރިޒަމްގެ އަމަލުތަކަށް އެއްވެސް ސިފައެއްގައި ތައުރީފު ކުރުމާއި، ހިތްވަރު ދިނުމާއި، ޝައުގުވެރިކުރުވުމާއި، ނޫނީ ތާއީދުކުރާ ކަން ދެއްކުމަކީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން މަނާކޮށްފައިވާ، އަދި އެހެން ގާނޫނުތަކުން ވެސް އަދަބު ކަނޑަޅިފައިވާ ޖިނައީ ކުށެކެވެ.