ދުނިޔެ

އިޒްރޭލުގެ މިނިސްޓަރަށް ތުރުކީން ދިން ދައުވަތު ގެންގޮސްފި

އިޒްރޭލުގެ އެނާޖީ މިނިސްޓަރު ޔުވާލް ސްޓައިނިޒްއަށް ތުރުކީ ދިން ދައުވަތު އަނބުރާ ގެންގޮސްފި އެވެ. މިނިސްޓަރަށް ދައުވަތު ދެއްވީ އަންނަ ޖޫންގައި ތުރުކީގެ ރިސޯޓެއް ކަމަށްވާ އަންޓަލިޔާގައި އޮންނަ އިންޓަނޭޝަނަލް ޑިޕްލޮމަސީ ސަމިޓަށެވެ. އެ ދައުވަތު ކެންސަލްކޮށް އަނބުރާ ގެންދިޔައީ އިޒްރޭލުން ފަލަސްތީންގައި ހިންގާ އަނިޔާވެރި ކަމަށް ދެކޮޅު ހެދުމުގެ ގޮތުންނެވެ.

އެނާޖީ ވަޒީރު ތުރުކީއަށް ވަޑައިގެންނެވި ނަމަ ވާނީ އިޒްރޭލްގެ އެފެންވަރުގެ ބޭފުޅަކު ތުރުކީއަށް ޒަމާންތަކަކަށް ފަހު ވަޑައިގެންނެވި ފުރަތަމަ ފަހަރަށެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ސްޕޮންސާ ކުރައްވައިގެން ބާއްވާވާ އަންޓަލިއާ ޑިޕްލޮމަކީ ފޯރަމަކީ ދެ ދުވަހަށް ރާވާފައިވާ ބައިނަލްއަގްވާމީ ސަމިޓެކެވެ. މަގުސަދަކީ ދުނިޔޭގައި ނުފޫޒުގަދަ ސިޔާސީ ލީޑަރުންނާއި ވިޔަފާރިވެރިން އަދި އެކަޑަމީތަކުން އެއްތަނެގައި ސައްލާ ކުރުމަށް ކޮންމެ އަހަރަކު އެއްވެލުމެވެ.

އިޒްރޭލުން ފަލަސްތީންގައި ހަމަނުޖެހުން ހިންގައި ދަނީ އާންމުންނަށް އަނިޔާކޮށް މަރަމުންނެވެ. މިކަމެއް ހިނގައިގެން އުޅެނީ ހީނަރުވެފައި އޮތް ތުރުކީއާ އިޒްރޭލުގެ ގުޅުން ރަނގަޅު ކުރަން މަސައްކަތް ކުރެވެމުން ދަނިކޮށެވެ. އެހެން ނަމަވެސް މި ހިސާބުން ތުރުކީން ވަނީ ރާގު ބަދަލުކޮށް އިޒްރޭލުން ޝެއިހް ޖައްރާހް އާއި މަސްޖިދުލް އަގްސޯގައި ހިންގި އަނިޔާވެރިކަން ކުށްވެރި ކޮށްފަ އެވެ.

އުރުދުޣާން ވަނީ އަރަބި ގިނަ ގައުމުތަކަކަށް ގުޅުއްވައި އިޒްރޭލާ ދެކޮޅު ހެއްދެވުމަށް ދަންނަވާފަ އެވެ. އަރަބި ގައުމުތަކުން ވެސް ވަނީ އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވެ ފަލަސްތީނަށް އެއްބައިވާ ކަމަށް އިއުލާން ކޮށްފަ އެވެ.