އެމްއެމްޕީއާރުސީގެ ހިޔާނާތް

ހިޔާނާތުގެ ފައިސާއެއް ނުލިބޭ: ދުންޔާ

އެމްއެމްޕީއާރުސީގެ ބޮޑޫ ހިޔާނާތާއި ގުޅޭ އެއްވެސް ފައިސާއެއް ލިބިފައި ނުވާނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ބެލި އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ލިސްޓުން ހާމަވާގޮތުގައި ދުންޔާ އަށް ދެ ލައްކަ ރުފިޔާ ނުވަތަ 13،000 ޑޮލަރު ވަނީ ލިބިފަ އެވެ. ލިސްޓުގައި ނަން އޮތް ނަމަވެސް އެފައިސާގައި ޖެހިފައި ނުވާނެ ކަމަށާއި އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅޭ އެއްވެސް ކަމެއްގައި ބައިވެރިވުން ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

ދުންޔާގެ އިތުރުން ފާރިސް މައުމޫނަށް ހިޔާނާތުގެ ފައިސާއިން ހަތަރު މިލިއަން ރުފިޔާ ދިން ކަމަށް ލިސްޓްގައި ވެއެވެ. މީގެ އިތުރުން ގައްސާން މައުމޫނަށް ދެ މިލިއަން ފަސް ލައްކަ ރުފިޔާ ލިބިފައިވާ ކަމަށް ލިސްޓުން ހާމަވެ އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހަށް ފޮނުވި ލިސްޓްގައި 281 ނަމެއް އޮތް އިރު ކުރިން އެ ކޮމިޝަނުން ހާމަކުރި ގޮތުގައި އެ ލިސްޓްގައި އޭރު އޮތީ 267 ނަމެވެ. އެ ލިސްޓް ލީކުވެފައިވާއިރު، ބައެއް މަޖިލިސް މެންބަރުން ވިދާޅުވި ގޮތުގައި އެއީ ސައްހަ ލިސްޓެކެވެ. ނަމަވެސް ބައެއް މެންބަރުން ވަނީ އެއީ "ފޭކު" ލިޔުމެއް ކަމަށް ވިދާޅުވެފައެވެ.

އެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ބުނެ އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލާފައިވާ ލިސްޓް އާންމުކުރަން ބައެއް މެންބަރުންނާއި ގިނަ އަދަދެއްގެ އާންމުން ގޮވާލަމުންދާއިރު މަޖިލީހުގެ ބައެއް މެންބަރުން ގެންދަވަނީ އެ ލިސްޓް މިވަގުތު އާންމުކުރުން ރަނގަޅު ނޫން ކަމަށް ވިދާޅުވަމުންނެވެ. އަދި އެ ލިސްޓް އާންމުކުރަން ގޮވާލުން ޒިންމާދާރު ނޫން ކަމަށްވެސް ބައެއް މެންބަރުން ވިދާޅުވަމުން ގެންދަވަ އެވެ.