އެމްއެމްޕީއާރްސީ

ހިޔާނާތުގެ ލިސްޓު މަޖިލީހުގެ ކޮމެޓީން އާންމުކުރަނީ

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ހިމެނޭ މީހުންގެ ނަންތައް އާންމުކުރަން މަޖިލީހުން އެ މައްސަލަ ދިރާސާކުރި ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ސަބް ކޮމިޓީ އިން ނިންމައިފި އެވެ.

ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓު އެސެޓް ރިކަވަރީ ކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހަށް އޮތީ ފޮނުވައިފަ އެވެ. މަޖިލީހުގެ ސަބް ކޮމެޓީން މިއަދު ވަނީ އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ލިސްޓަށް އެއްވެސް އުނި އިތުރެއް ނެތި އެ ލިސްޓު ހާމަކުރަން ނިންމައިފަ އެވެ.

މަޖިލީހުގެ ސަބް ކޮމެޓީން އެ ލިސްޓު އާންމުނުކޮށް އުޅެނިކޮށް ލިސްޓެއް ވަނީ ލީކްވެސް ކޮށްލައިފަ އެވެ.

މީގެ ކުރިން ސަބްކޮމެޓީގައި ހިމެނޭ ބައެއް މެމްބަރުން ވިދާޅުވީ އެމްއެމްޕީއާރުސީގެ ލިސްޓުގައި ހިމެނޭ މީހުންގެ މައްސަލަތަކަކީ އެސެޓް ރިކަވަރީ ކޮމިޝަނުން ބަލަމުންދާތީ މިވަގުތު ލިސްޓުގައި ހިމެނޭ މީހުންގެ ނަންތައް ހާމަކުރުން ބުއްދިވެރި ނޫން ކަމަށެވެ.

ސަބްކޮމެޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ މިއަދު ވިދާޅުވީ އެ ލިސްޓު އާންމުކުރަން އެސެޓް ރިކަވަރީ ކޮމިޝަންގެ އެއްވެސް އިއުތިރާޒެއް ނެތް ކަމަށެވެ.

ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރޭގައި ދައުލަތުގެ މަގާމުތަކުގައި ތިބި 119 މީހަކު ހިމެނެ އެވެ. ސަބް ކޮމެޓީން ވަނީ އެ އެންމެން މަގާމުން ވަކި ކުރަންވެސް ފާސްކޮށްފަ އެވެ.