އިސްލާމިކް މިނިސްޓްރީ

ޖަމާއަތް ހުއްޓާލާނީ މަޣުރިބު ނަމާދުން ފެށިގެން

މާލެ ސަރަހައްދުގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލާނީ މަޣުރިބު ނަމާދުން ފެށިގެން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ނަމާދުގެ ޖަމާއަތް ހުއްޓާލަން ވަނީ އަންގާފައެވެ. އެ އެންގުމަށް މިއަދުން ފެށިގެން ހަތް ދުވަސް ވަންދެން އަމަލު ކުރަން ވަނީ އަންގާފައެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އަވަސްއަށް ވިދާޅުވީ މާލެ ސަރަހައްދުގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލާނީ މަޣުރިބު ނަމާދުން ފެށިގެން ކަމަށެވެ. މި ނިންމުމާއެކު މާދަމާ އީދު ނަމާދުގެ ޖަމާއަތާއި ހުކުރު ދުވަހުގެ ނަމާދުގެ ޖަމާއަތް ނޯންނާނެ އެވެ.

"އެޗްޕީއޭގެ އެންގުމާއި އެއްގޮތަށް ޖަމާއަތުގެ ނަމާދު ހުއްޓާލާނީ މަޣުރިބު ފެށިގެން. އެހެންވީމަ މަޣުރިބު ހަމައަށް ޖަމާއަތްތައް މިސްކިތްތަކުގައި އޮންނާނެ،" މިނިސްޓަރު ޒާހިރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ މިސްކިތްތަކުގެ ޖަމާއަތް ހުއްޓާލި ނަމަވެސް ނަމާދަށް ފަރުވާތެރިވުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި އީދު ނަމާދު ގޭގައި ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ ބުނީ ކޮވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން މިއަދުން ފެށިގެން މާލެ ސަރަހައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ހަވީރު ހަތަރަކުން ފަތިހު ހަތަރަކާ ދެމެދު ބޭރަށް ނިކުމެ އުޅުން މަނާ ކޮށްފައިވާ ކަމަށެވެ. މިއީ ހަފްތާއެއްގެ މުއްދަތަށް އޮތް އެންގުމެކެވެ.

އަދި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމާއި މެއި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިން ބުއިމުގެ ހިދުމަތް ދިނުން ހުއްޓާލުމަށްވެސް އަންގާފައިވެއެވެ. ނަމަވެސް ޕޮލިސް ޕާމިޓާއެކު މެންދަމު 12 އާއި ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށެވެ. އެޗްޕީއޭއިން ބުނީ ޑައިޑްލއިންއާ ހިލާފުވާ ވިޔަފާރިތައް 24 ގަޑިއިރަށް ބަންދު ކުރާނެ ކަމަށެވެ.

ބުރާސްފަތި ދުވަހުން ފެށިގެން ދެކުނު އޭޝިޔާގެ ގައުމުތަކުގެ ޓޫރިސްޓުންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައިވާ ކަމަށްވެސް އެންގުމުގައި ބުނެފައިވެއެވެ.