އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ 281 ފަރާތެއް ނަން ހިމެނޭ ލިސްޓް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން އާންމުކޮށްފައިވާ ލިސްޓްގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ރާއްޖެ ޓީވީގެ ޗެއާމަން އަކްރަމް ކަމާލުއްދީންގެ ނަން އޮތްކަން ހާމަވެއްޖެ އެވެ.
މީގެ ކުރީންވެސް މި ދެ ބޭފުޅުންގެ މައްޗަށް ތުހުމަތު ކުރެވި މައްސަލަ ބަލާ ނިމެންދެން މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައި ބެހެއްޓިއެވެ.
މަޖިލީހުން އާންމުކުރި ލިސްޓްގައިވާ ގޮތުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ހިޔާނާތުގެ މައްސަލަގައި ބައިވެރިވާ ކަމަށް ނުވަތަ މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ ދައުލަތުގެ މަގާމެއް އަދާކޮށްފައިވާ ނުވަތަ އަދާކުރަމުންދާ 119 މީހެއްގެ ނަން ވަނީ ފާހަގަކޮށްފައެވެ. އެ ލިސްޓްގައި ޖުމްލަ ހިމެނެނީ 281 ފަރާތެއްގެ ނަމެވެ.
ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިނގި އެންމެ ބޮޑު ހިޔާނާތު މައްޗަށް އޭސީސީން އެކުލަވައިލި ތަހުގީގު ރިޕޯޓުގައި، އެމްއެމްޕީއާރްސީގެ ފައިސާގެ ތެރެއިން އެސްއޯއެފުން ފައިސާ ޖަމާވި މައްސަލާގައި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީނުގެ ސަސްޕެންޝަން އުވާލީ އޭޕްރީލް 16، 2019 ގައެވެ.
މަހުލޫފު ވަނީ އެސްއޯއެފުން 33000 ޑޮލަރު ބައްލަވައިގަތްކަމަށް ވިދާޅުވެ، ޑޮލަރު ގަތުމަށްފަހު އެ ކުންފުންޏަށް ފައިސާ ދެއްކި ރަސީދު ވެސް އާންމު ކުރައްވާފަ އެވެ. އަކުރަމްގެ އެކައުންޓަށް ވެސް 30،000 ޑޮލަރު ޖަމާވެފައި ވެއެވެ.
ނަމަވެސް އެ ދެ ބޭފުޅުންނަށް އަލުން މަސްއޫލިއްޔަތު ހަވާލުކުރެއްވީ ގޯހެއް ހައްދަވާފައިނުވާ ކަމަށް ޔަގީން ކުރެއްވުމަށް ފަހު އެވެ.