އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ޝާމިލްވާ މީހުންގެ ލިސްޓު މިއަދު މަޖިލީހުން އާންމުކުރި އިރު ރެއިން ފެށިގެން އާންމުވެފައިވާ ލިސްޓުގައި ހިމެނިފައިވާ ބައެއް ބޭފުުންގެ ނަން ނުހިމެނެއެވެ.
މަޖިލީހުގެ ޖުޑީޝިއަރީ އަދި ސަލަމާތި ކަންތައްތައްތަކާ ބެހޭ ސަބް ކޮމެޓީން މިއަދު ބުނީ ހިޔާނާތުގެ ލިސްޓު އާންމުކުރީ އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުވި ލިސްޓަށް އެއްވެސް އުނި އިތުރެއް ނުގެނެސް ކަމަށެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ލިސްޓު ކަމަށް ބުނާ ލިސްޓެއް ރޭ އޮތީ އާންމުވެފައެވެ. ނަމަވެސް މިއަދު މަޖިލީހުން އާންމު ކުރި ލިސްޓާ ކޮމިޝަނުން އެކުލަވާލި ލިސްޓް ތަފާތެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ލިސްޓުގައި އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲގެ ފިރިކަލުން އަހްމަދު ޝާހިދު (ސާބެ) އަދި މިހާރުގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމްގެ ނަންވެސް އޮތް ކަމަށް ބުނި ނަމަވެސް މަޖިލީހުން މިއަދު އާންމު ކުރި ލިސްޓުގައި އެ ތިން ބޭފުޅުންގެ ނަންވެސް ނެތެވެ.
ހިޔާނާތުގައި ލިސްޓުގައި މިހާރުގެ މަޖިލީހުގެ 16 މެމްބަރުން ހިމެނެ އެވެ.
މަޖިލީހުން ނެރުނު ލިސްޓުގައި އައްޑޫގެ އިންތިހާބީ މޭޔަރު އަދި ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރުގެ ނަންވެސް އޮތެވެ. ނަމަވެސް ކޮމިޝަނުން ނެރުނު ރިޕޯޓްގައި ނިޒާރުގެ ނަމެއް ނެތެވެ.
ހިޔާނާތުގެ ފައިސާ 281 މީހަކަށް ލިބިފައިވާ ކަމަށް ސަބް ކޮމެޓީގެ ލިސްޓުގައި ހިމެނެ އެވެ. އޭގެ ތެރޭގައި މިހާރު ދައުލަތުގެ މަަގާމުތަކުގައި ތިއްބެވި 119 ބޭފުޅަކުވެސް ހިމެނި ލައްވަ އެވެ. އެ ފަރާތްތައް މަގާމުން ވަކި ކުރަންވެސް ކޮމެޓީން މިއަދު ވަނީ ފާސްކޮށްފަ އެވެ.
މިހާރު މަޖިލިސް މެމްބަރުންނާއި ކުރީގެ މެމްބަރުން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ މެމްބަރުން އެމްއެމްޕީއާރުސީގެ ފައިސާގައި ޖެހިފައިވާކަން ލިސްޓުން ވަނީ އެނގިގެންގޮސްފަ އެވެ. އިންތިހާބީ މަގާމުތަކުގައި ތިބި މީހުންގެ މައްސަލަ ތަހުގީގްކުރަން އަވަސްކުރަން އިދާރާތަކަށް ދެންނެވުމަށްވެސް މިއަދު މަޖިލީހުގެ ކޮމެޓީން ފާސްކުރި އެވެ.