ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން ނެރެފައިވާ އަމުރު ކްރިމިނަލް ކޯޓުން ބާތިލްކުރި މައްސަލާގައި ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ޖާމިނު އެއްބަސްވުމާއި ހިލާފުވެފައިވާތީ އެކަމުގެ އަދަބެއްގެ ގޮތުގައި އޭނާގެ މައްޗަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކަނޑައަޅައިދިނުމަށް ދައުލަތުން އެދިއްޖެ އެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ބާތިލު ކޮށްލުމުން އޭނާ ވަނީ ބޭސް ފަރުވާއަށް ކަމަށް ބުނެ ތުރުކީ އަށް ވަޑައިގެންފަ އެވެ. އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓާ ފުރަން ނެރުނު އަމުރު ބާތިލުކުރީ އޭނާގެ ސިއްހީ ހާލަތާއި ގުޅޭގޮތުން އޭނާ ހުށައެޅި ލިޔުންތަކެއްގެ މައްޗަށް ބިނާ ކޮށްގެނެވެ.
އެ އަމުރުގައި ބުނެފައިވަނީ އަލީ ވަހީދު ރާއްޖެއިން ބޭރަށް ދާން ޖެހޭކަން ކަށަވަރު ކުރުމުގެ ގޮތުން ޑރ. ޔޫސުފް ޝާން ކޯޓަށް ހާޒިރުުކޮށް އޭނާގެ ވާހަކަތައް އަޑު އަހާފައިވާ ކަަމަށެވެ. އަދި އޭނާ ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ދައުލަތުން އިއުތިރާޒު ކޮށްފައިނުވާ ކަމަށެވެ.
އަލީ ވަހީދު ފިލައިގެން ދިއުމުގެ އިހުތިމާލު އޮތް ކަމަށް ދައުލަތުން ބުނުމުން އޭނާއާ ޖާމިނުވާނެ ފަރާތެއް ހުށައަޅާފައިވާ ކަމަަށް ވެސް އެ އަމުރުގައި ވެއެވެ. ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު އެ އަމުރު ނެރުއްވީ އަލީ ވަހީދުގެ މައްސަލައަށް އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ ޖާމިނުވުމުންނެވެ.
ޖާމިނު އެއްބަސްވުން ބުނާގޮތުން ކޯޓް ކަނޑައަޅާ ދުވަހެއްގައި އެ މީހަކު އަޑުއެހުމަށް ހާޒިރުކުރަން ޖެހެއެވެ. ނަމަވެސް ހައިކޯޓަށް ހުށައެޅި މައްސަލާގައި އެ ކޯޓުން ކަނޑައެޅި ދުވަހަށް އަލީ ވަހީދު ހާޒިރުކުރެވިފައެއް ނުވެއެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އަލީ ވަހީދުގެ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމާއި ގުޅިގެން ކްރިމިނަލް ކޯޓަށް އެ އޮފީހުން ދެ ސިޓީއެއް އިއްޔެ ފޮނުވާފައިވާ ކަމަށެވެ. އެއް ސިޓީއަކީ މައްސަލައިގެ އަޑުއެހުމެއް ބާއްވައިދިނުމަށް އެދި ހުށައަޅާފައިވާ ސިޓީއެކެވެ. އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްފައިވަނީ ވަކި މުއްދަތެއް ކަނޑައަޅައިގެން ކަމަށް ނުވާތީ އަޑުއެހުމެއް ބޭއްވުމަށް ގާނޫނު މަނާކުރާ އެއްވެސް ކަމެއް ނެތްކަން ޕީޖީ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.
ދެވަނަ ސިޓީގައި އެ އޮފީހުން އެދިފައިވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ޖާމިނު އެއްބަސްވުމާއި ހިލާފުވެފައިވާތީ އެކަމުގެ އަދަބެއްގެ ގޮތުގައި އޭނާގެ މައްޗަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކަނޑައަޅައިދިނުމަށެވެ. އައްސަދުގެ އެ އަމަލަކީ ކޯޓްގެ ހުރުމަތް ކެނޑުމުގެ އަމަލެކެވެ. އަދި ޖާމިނު އެއްބަސްވުމާއި އައްސަދު ހިލާފުވެފައިވާކަން ހައިކޯޓްގެ ހުކުމް ސާފުކޮށް އެނގެއެވެ.
ޖާމިނު އެއްބަސްވުމާއި ހިލާފުވެއްޖެނަމަ ކަނޑައެޅިދާނެ އަދަބުތައް ގާނޫނުގައި ބުނެފައިވެއެވެ.
އަލީ ވަހީދު ފުރައިގެން ގޮސްފައިވާއިރު އޭނާގެ މައްޗަށް ގިނަ ދަައުވާތަކެއް ވަނީ އުފުލާފައެވެ.
އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް
- ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ
- ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ
- ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމުގެ ކުށުގެ ދައުވާ
- ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ
- ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާ
- ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާ
އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައި އޮތް އަމުރު ބާތިލުކުރި މައްސަލައާ ގުޅިގެން އެ އަމުރު ނެރުއްވި ކްރިމިނަލް ކޯޓްގެ ގާޒީ ހަސަން ސައީދުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ދަނީ ބަލަމުންނެވެ.