ބޮލީވުޑް

ދަރިންނާއެކު ދިރިއުޅެން ނީތޫ ބޭނުމެއް ނުވޭ

ފިރިމީހާ ރިޝީ ކަޕޫރު މަރުވިތާ އަހަރެއްހާ ފާއިތުވީ އިރުވެސް ނީތޫ ސިންގް ދިރިއުޅެމުން ދަނީ އެ ދެމަފިރިން އެކަނި ދިރިއުޅުނު ގޭގަ އެވެ. ނީތޫ އެކަނި ދިރިއުޅޭތީ ވަރަށް ގިނަ ބަޔަކު އޭނާގެ ދަރިންކަމަށްވާ ރަންބީރު ކަޕޫރާއި ރިދިމާ ސަހާނީ އަށް ފާޑު ކިޔަ އެވެ. މުސްކުޅިވީ ދުވަހު މަންމަ އެކަނިކޮށްލާފައި ވަކިން ދިރިއުޅޭތީ އެވެ.

ދަރިންނަށް ކުރިމަތިވަމުންދާ ފާޑުކިޔުންތަކަށް ޖަވާބު ދެމުން ނީތޫ ވަނީ ޕްރައިވެޓް ދިރިއުޅުމަކަށް އޭނާ ލޯބިކުރާ މިންވަރު ބަޔާންކޮށްފަ އެވެ. އަދި އެކަނި މާއެކަނި ދިރިއުޅުމަކީ އޭނާ އަމިއްލައަށް ބޭނުންވެގެން ކުރާ ކަމެއް ކަމަށް ވެސް ނީތޫ ބުންޏެވެ.

ނީތޫ ދާދިފަހުން ދީފައިވާ އިންޓަވިއު އެއްގައި ނީތޫ ބުނީ އޭނާގެ ކުދިން ވަކި ގޭގޭގައި އަމިއްލަ ދިރިއުޅުމެއް އުޅުމަކީ އޭނާ ބޭނުންވާ ގޮތެވެ.

"އަހަރެން އެމީހުން ކައިރީގައި ބުނަން އަހަރެންގެ ހިތުގައި ވާށޭ. ބޮލަށް ނާރައްޗޭ،" ނީތޫ ބުންޏެވެ.
"ޖުގް ޖުގް ޖިޔޯ"އިން ފިލްމީ ދުނިޔެއަށް އެނބުރި އަންނަން ތައްޔާރުވަމުންދާ ނީތޫ ބުނީ އޭނާ އަކީ ވަރަށް ޕްރައިވެޓް މީހެއް ކަމަށާއި އަމިއްލަ މިނިވަންކަމަށް ވަރަށް ލޯބިކުރާ ކަމަށެވެ. ރިޝީ މަރުވުމަށް ފަހު ރިދިމާ ވަރަށް ގިނަ ދުވަހު ނީތޫ އާއެކު އެ ގޭގައި ހުއްޓެވެ.

ރިދިމާ ކައިވެނި ކުރީ ދިއްލީ މީހަކާ ކަމަށް ވާތީ ކައިވެންޏަށްފަހު ރިދިމާ ދިރިއުޅެނީ ފިރިމީހާއާއެކު ދިއްލީގަ އެވެ. ނަމަވެސް ރިޝީ މަރުވުމާ ގުޅިގެން އޭނާ މުމްބައި އަށް މަންމަ ކައިރިއަށް އައި ގޮތަށް ނުގޮސް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހުއްޓެވެ.

"ރިދިމާ ވެސް މާ ގިނަ ދުވަހު ހުންނަން ފެށީމަ އަހަރެން ބުނިން ދާށޭ ފިރިމީހާގެ ރަށަށް. ގޮސް އޭނާ އާއެކު ދިރިއުޅޭށޭ،" ނީތޫ ބުންޏެވެ.

ނީތޫ ބުނީ ޕެންޑެމިކް ތެރޭގައި ގިނަ ދުވަސްތަކަކު ދިއްލީ އަށް ނުގޮސް ރިދިމާ އިނީމަ ވެސް އޭނާ ވަރަށް ހާސްވި އެވެ.

"އަހަރެން އަބަދު ބުނަން ދާށޭ ފިރިމީހާ ކައިރިއަށް. އޭނާ އެކަންޏޭ ގޭގަ އުޅޭނީ. އަހަރެން ކޮއްޕާ ގަޅުވާ ކަހަލަ ގޮތަކަށް އޭނާ ގެއިން ފޮނުވާލީޔޭ ބުންޏަސް ރަނގަޅުވާނެ. އަހަރެންނަކީ ވަރަށް އަމިއްލަ މިނިވަންކަން ބޭނުންވާ މީހަކަށް ވާތީ އެކަނި ދިރިއުޅުމަށް އަހަރެން ވަނީ އާދަވެފައި،" ފިލްމްފެއާ އަށް ދިން އިންޓަވިއު އެއްގައި ނީތޫ ބުންޏެވެ.

ނީތޫ ބުނި ގޮތުގައި ރިދިމާ ބޮޑުވެގެން ލަންޑަނަށް ކިޔަވަން ފުރަތަމަ ދިޔަ ދުވަސްކޮޅު އޭނާ ވަރަށް ދެރަވެގެން ރޮއި އުޅުނެވެ. ނަމަވެސް އޭގެ ފަހުން ރަންބީރު ކިޔަވަން ދިޔައިމަ އޭނާއަކަށް މާ ބޮޑަކަށް އަސަރެއް ނުކުރި އެވެ.

"އެހެންވެ ރަންބީރު ބުނާނެ މަންމަ އަހަރެން ދެކެ ލޯތްބެއް ނުވެޔޭ. ނަމަވެސް އެއީކީ ނޫން އެކަން ވީ ގޮތަކީ. އެއް ދަރި ގޮސް މާ ދުރުގައި އެތައް އަހަރަކު އުޅުނީމަ އަހަރެން ދަރިންނާ ނުލާ ދިރިއުޅެން އާދަވީ. އެހެންވެ ރަންބީރު ކިޔަވަން ދިޔައިމަ ވެސް އެހާދެރަނުވީ،" ނީތޫ ބުންޏެވެ.