ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ 50 ޕަސެންޓް މުވައްޒަފުން ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ނެރެފައިވާ ޓޫރިޒަމް އަޕްޑޭޓްގައިވާ ގޮތުން އެހާތަނަށް ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު ހުރީ 48 ޕަސެންޓްގަ އެވެ. އެހެންވެ މިހާރު އެ އަދަދު 50 ޕަސެންޓްގައި ހުންނާނެ ކަމަށް މިނިސްޓްރީއާއި ދާއިރާގެ އޮފިޝަލުން ބުނެ އެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީން ވެކްސިން ޖެހި ޓޫރިޒަމް ދާއިރާގެ މުވައްޒަފުން ގުނަނީ ޓޫރިޒަމް މިނިސްޓްރީގައި މަސައްކަތް ކުރާ މީހުންވެސް ހިމަނައިގެނެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ އެ ސިނާއަތުގެ މުވައްޒަފުންނަށް ވެކްސިން ޖެހުމުގެ ގޮތުން "އައިއޭމް ވެކްސިނޭޑެޓް"ގެ ނަމުގައި ކެމްޕޭނެއް ވެސް ފަށާފަ އެވެ.
ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ މީހުންނަށް ވެކްސިން ޕްރޮގްރާމް ފެށީ މިދިޔަ ފެބްރުއަރީ ފަސް ވަނަ ދުވަހު އެވެ. މިހާތަނަށް ޓޫރިޒަމް ސިނާއަތުގައި މަަސައްކަތް ކުރާ މުވައްޒަފުންގެ 90 ޕަސެންޓް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފަ އެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި އެންމެ ގިނަ މީހުން ވަޒީފާ އަދާކުރާ ޓޫރިޒަމް ދާއިރާގައި 44،954 މީހުން މަސައްކަތް ކުރެ އެވެ. މީގެތެރޭގައި 21،332 މީހުންނަކީ ދިވެހިންނެވެ.
މިހާތަނަށް ރިސޯޓުތަކުގައި މަސައްކަތް ކުރާ 39,440 މުވައްޒަފުންނަށް ވަނީ ވެކްސިން ދީފަ އެވެ. އަދި ގެސްޓްހައުސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ 306 މީހަކަށް ވެކްސިން ޖަހާފައިވާއިރު، ސަފާރީ ފަދަ ޓޫރިސްޓުންނަށް ހިދުމަތްދޭ އުޅަނދުފަހަރުގައި މަސައްކަތްކުރާ 220 މީހުންނަށް ވެކްސިން ދީފައިވެ އެވެ. އަދި ހޮޓާތަކުގެ 70 މީހުންނާއި ޕާފޯމިން އާޓިސްޓުންގެ ގޮތުގައި މަސައްކަތް ކުރާ 64 މީހުންގެ އިތުރުން 25 ޓްރެވަލް އެޖެންސީ އާއި ޓޫރިޒަމް މިނިސްޓްރީގެ 67 މުވައްޒަފުން ހިމެނޭ ގޮތަށް މި ދާއިރާއަށް ނިސްބަތްވާ 40,192 މުވައްޒަފުންނަށް ވެކްސިން ޖަހާފައިވެ އެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި ވެކްސިންގެ ފުރަތަމަ ޑޯޒް 302,097 މީހުން ވަނީ ފުރިހަމަކޮށްފަ އެވެ. އަދި ދެވަނަ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު އުޅެނީ 139,890ގަ އެވެ.
ރާއްޖޭގައި ކޮވިޑް-19ގެ ވެކްސިން ޖަހަން ފަށާފައިވަނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު އެވެ. ރާއްޖޭގައި ކޮވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަން ފެށީ އިންޑިއާއިން ހަދިޔާކުރި އޮކްސްފޯޑް-އެސްޓްރެޒެނިކާގެ ވެކްސިން އެވެ. އެހެންވެ ގިނަ ބަޔަކު ޖަހާފައިވަނީ އިންޑިއާއިން ހަދިޔާކުރި ވެކްސިން އެވެ. ނަމަވެސް ދެވަނަ ޑޯޒް ފުރިހަމަ ކުރާ ހިސާބަށް ދިޔައިރު އިންޑިއާއިން ވެކްސިން ނުލިބުމުގެ މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. އިންޑިއާގެ ވެކްސިން ނުލިބުނު ނަމަވެސް ޗައިނާއިން ދިން ވެކްސިންއާއި އެހެން ގައުމުތަކުގެ ވެކްސިން ރާއްޖޭގައި ޖަހަމުން ގެންދެ އެވެ.