ބޭރު ކުޅިވަރު

ޗެލްސީ އަށް ފަރުވާކުރަން މޮރީނިއޯ ޔޫތު ޓީމާ ދިމާލަށް

މި ސީޒަނުގައި ޗެލްސީ އަށް ދިމާވެފައިވާ މައްސަލަތަކުން އަރައިގަތުމަށް އެކުލަބުގެ ޔޫތު ޓީމުން ކުޅުންތެރިންނަށް ފުރުސަތު ދޭން ކޯޗު ހޯސޭ މޮރީނިއޯ ނިންމައިފި އެވެ.

މި ގޮތުން އޭނާ ވަނީ ޗެލްސީގެ ޔޫތު ޓީމުގެ ކުޅުންތެރިންގެ ކުޅުން ބަލައި ސީނިއާ ޓީމަށް ގެންނާނެ ބައެއް ކުޅުންތެރިން ހޮވައިފަ އެވެ.

މޮރީނިއޯ ޔޫތު ޓީމުގެ ކުޅުންތެރިން ސީނިއާ ޓީމުގައި ބޭނުންކުރަން ނިންމީ ޖެނުއަރީ މަހުގެ ކުރިން އާ ކުޅުންތެރިން ޓީމަށް ނުގެނެވޭނެތީ އެވެ. އަދި މިހާރު ސީނިއާ ޓީމުގައި ތިބި ބައެއް ކުޅުންތެރިންނަށް އޭނާ ބޭނުންވާ ފެންވަރަށް ނުކުޅެވޭތީ އެވެ.

މި ސީޒަނުގައި ކުޅުނު 12 މެޗުގެ ތެރެއިން ހަތް މެޗުން ބަލިވެ ޗެލްސީ މިވަގުތު އޮތީ 11 ޕޮއިންޓާއެކު ޓޭބަލުގެ 16 ވަނާގަ އެވެ. ނަމަވެސް އޭނާ ވަޒީފާ ދެމިއޮންނާނެ ކަމަށް ޗެލްސީން ވެސް ވަނީ ބުނެފަ އެވެ. ޓީމުގެ ކުޅުންތެރިންނާ މޮރީނިއޯއާ މައްސަލަ ޖެހިފައިވާ ކަމަށް ދެކެވޭ ވާހަކަ ދެ ފަރާތުން ވެސް ދޮގުކުރެ އެވެ.

ކުޅުންތެރިން ބުނަނީ މޮޅުނުވަނީ ނަސީބު ނެތިގެން ކަމަށާއި ހުރިހާ ކުޅުންތެރިން ވެސް މޮރީނިއޯ އަށް އިތުބާރު ކުރާ ކަމަށެވެ.