ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވީ ނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަހާމެދު ހޮންކޮން ޓީމުން ކަންބޮޑުނުވާ ކަމަށް ޑިފެންޑަރު ލީޗިހޯ ބުނެފި އެވެ.
އޭނާ މިހެން ބުނީ ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ އާއި ހޮންކޮން މާދަމާ ނޫން އަނެއް ދުވަހު ކުޅޭ މެޗުގެ ކުރިންނެވެ. ހޮންކޮން ޓީމު ރޭ ވަނީ މާލެ އައިސްފަ އެވެ.
"މީހެ އަހަރުތަކެއް ކުރިން އަހަރުމެން ދިޔައިން ޔަމަނަށް އޭޝިއަން ކަޕް ކޮލިފައިން އަށް. އެފަހަރު އަހަރުމެންނަށް ތަޖުރިބާ ކުރެވުނު ހޮޓަލުގެ ބޭރުގައި ބޮންގޮއްވިކަން،" ލީ ބުންޏެވެ.
އޭނާ ބުނީ ރާއްޖޭގެ ހާލަތު އޮތްގޮތަށްވުރެ ކަންބޮޑުވަނީ މެޗު ނިންމާފައި ފަސް ދުވަސް ފަހުން އަމިއްލަ ގައުމުގައި ވަރުގަދަ ޗައިނާއާ ދެކޮޅަށް ކުޅެންޖެހޭ މުހިންމު މެޗަށް ކުރަންޖެހޭ ދިގު ދަތުރާމެދުގަ އެވެ.
"ވަރަށް އުނދަގޫ ދަތުރެއް ކުރަން މިޖެހެނީ ރާއްޖެ އައުމަށް. އެއަށްފަހު އެނބުރި ދިއުމަށްވެސް. ފަސް ދުވަސް ފަހުން ޗައިނާއާއެކު ކުޅެންޖެހޭ މެޗަށް ތައްޔާރުވާއިރު މީގެ ސަބަބުން އަހަރުމެންނަށް އިތުރު އުނދަގޫތަކެއް ކުރިމަތިވާނެ. ފިޒިކަލީ އަދި މެންތަލީ ގޮތުންވެސް. ރާއްޖޭހެ ހާލަތަށްވުރެ މިކަމާ އަހަރުމެން ކަންބޮޑުވޭ،" ލީ ބުންޏެވެ.
މި މެޗަށް ހޮންކޮން ޓީމުން ފޮނުވާފައިވަނީ ވަރުގަދަ ޓީމެއް ކަމަށް ކޯޗު ކިމް ޕަން ގޮން ވަނީ ބުނެފަ އެވެ.