ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ އާއި ހޮންކޮން މާދަމާ ނޫން އަނެއް ދުވަހު ކުޅޭ މެޗަށް ހޮންކޮން ޓީމު ރޭ ވަނީ މާލެ އައިސްފަ އެވެ.
ފަސް ޓީމު ވާދަކުރާ ގްރޫޕުގެ ދެ ވަނާގައި އޮތް ހޮންކޮން މާލެ މިއީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވުމުން މާލެ އައުމަށް ގިނަ އުޒުރުތަކެއް ދެއްކުމަށްފަހު އެވެ. ހާއްސަކޮށް ކުޅުންތެރިންނަށް ސަލާމަތެއް ނޯންނާނެ ކަމަށާއި ހޮންކޮންގައި މެޗު ކުޅެން އެތައް ފަހަރަކު މަސައްކަތް ކުރުމަށްފަހު އެވެ.
ނަމަވެސް ދިވެހި ސަރުކާރުން ރާއްޖޭގައި ސަލާމަތާއި ރައްކާތެރިކަން އޮންނާނެ ކަމުގެ ޔަގީންކަން ފީފާ އަށް ދިނުމުން ހޮންކޮން ޓީމު ރޭ މާލެއައިއިރު އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ލިއުން ހުން ވަޑައިނުގަންނަވަ އެވެ. އޭނާއަކީ މި މެޗު ރާއްޖޭގައި ކުޅުމާ އެންމެ ބޮޑަށް ދެކޮޅު ހެއްދެވި ބޭފުޅާ އެވެ.
"އަހަރުމެން ރާއްޖެ ދާނެ އެއްވެސް ގޮތެއް ނޯންނާނެ މި ދަނޑިވަޅުގައި. އަހަރެން ކަނޑެއެޅިގެން ދެކޮޅު ހޮންކޮން ޓީމު ރާއްޖެދާން. ކުޅުންތެރިންގެ ސަލާމަތަކީ އަހަރުމެން އެންމެ އިސްކަންދޭ ކަންތައް. އަހަރެން ހުށަހަޅާނަން މެޗު ހޮންކޮން އަށް ބަދަލުކޮށްދޭން. އަހަރެން އުއްމީދު ކުރަނީ މެޗު ހޮންކޮން އަށް ބަދަލުވާނެ ކަމަށް،" ލިއުންގް މީގެ ތިން ދުވަސް ކުރިން ވިދާޅުވި އެވެ.
ނަމަވެސް މެޗު ކުޅެން ޖެހެނީ ރާއްޖޭގައި ކަމަށް ފީފާއިން ނިންމުމުން ޓީމާއެކު އާއްމުކޮށް ދަތުރުކުރައްވާ ރައީސް ވަނީ އޭނާ އަށް ރާއްޖެ ވަޑައިނުގެންނެވޭ ވާހަކަ ވިދާޅުވެފަ އެވެ. އެއީ ކިޔަވާވިދާޅުވި ދުވަސްވަރުގެ ކުލާސް ކުދިންނާއެކު ބައްދަލުކުރަން މާކުރިން ހަމަޖައްސާފައިވާތީ ކަމަށް ލިއުންގ ވަނީ ވިދާޅުވެފަ އެވެ.
"މި ހަފުތާގައި އަހަރެން ބިޒީ. ރާވަމުންމިދަނީ އަހަރެންގެ ސެކަންޑްރީ ސްކޫލްގެ ކުލާސްމޭޓުންނާއެކު 50 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް. އެމީހުން އެންމެން އެއަންނަނީ ދުނިޔޭގެ އެތަންމިތަނުން. އެހެންވީމާ އަހަރެން މަޑުކުރަންޖެހޭ،" ހޮންކޮންގެ ކޮމާޝަލް ރޭޑިއޯގައި ވާހަކަ ދައްކަވަމުން އުމުރު ފުޅުން 69 އަހަރުގެ ލިއުންގ ވިދާޅުވި އެވެ.