އަންނަ މަހުގެ 12 ވަނަ ދުވަހު ވޯލްޑް ކަޕް ކޮލިފައިންގައި ހޮންކޮންއާ ދެކޮޅަށް ކުޅޭ މެޗަށް ގައުމީ ޓީމު ކޭމްޕް ނުކުރަން ނިންމައިފި އެވެ.
އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މާލޭގައި ކުޅޭ މި މެޗަށް ކޭމްޕް ނުކުރަން ނިންމީ އެފްއޭއެމުގެ އިންތިހާބު ކެންސަލްވެ، މިވަގުތު ދިމާވެފައިވާ ދަތިތަކުގެ ސަބަބުން ކަމަށެވެ.
މި މެޗަށް ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު އެވެ. އެއީ ހަތަރު ވަނަ ދުވަހު އީގަލްސް އާއި ބީޖީ އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި ކުޅޭ މެޗަށް ފަހު ގައުމީ ޓީމަށް ވަގުތު ދިނުމަށް ލީގު މެދުކަނޑާލާތީ އެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން ވަނީ ބަލިވެފަ އެވެ. އެއީ ގަތަރާއެކު މާލޭގައި ކުޅުނު މެޗުން 1-0އިން އަދި ގަތަރުގައި ކުޅެގެން 4-0އިންނެވެ. ހޮންކޮންއާއެކު އެ ގައުމުގައި ކުޅެގެން ރާއްޖެ ބަލިވީ 2-0އިންނެވެ. އަދި ޗައިނާ އަތުން ބަލިވީ 3-0އިންނެވެ. ރާއްޖެ މޮޅުވީ ގްރޫޕުގެ ފުލުގައި އޮތް ބޫޓާން އަތުން 4-3އިންނެވެ. ހޮންކޮން އޮތީ ގަތަރާއި ޗައިނާގެ ފަހަތުން ތިން ވަނާގަ އެވެ.