ޓޫރިޒަމާއި ހަކަތައިގެ ވިޔަފާރީގައި ފުޅާކޮށް އެންމެ މަތީފެންވަރުގައި ވިޔަފާރި ކުރާތާ އެތައް އަހަރެއްވެފައިވާ "ވިލާ" އިން މާލެތެރޭގައި ސުޕަމާޓް ހަދައި އާއްމު މުދާ ވިއްކަން ނުކުމެއްޖެ އެވެ.
ވިލާގެ ވިޔަފާރިއަކީ ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ވިޔަފާރި އެވެ. ރާއްޖޭގެ އެންމެ މަޝްހޫރު ޓޫރިޒަމް އެއް ކުންފުނީ ކަމަށްވާ "ވިލާ" ކުންފުނިން ހޯލް ސޭލް އަދި ރިޓެއިލް ވިޔަފާރި އަށް ނުކުތުމުގެ ގޮތުން މި ވިޔަފާރިއަށް ހާއްސަކޮށް ކުންފުންޏެއް ވެސް ވަނީ އުފައްދާފަ އެވެ.
އެ ކުންފުނިން ވަނީ އާއްމުންނަށް ބޭނުންވާ މުދާ ވިއްކަން ވަނީ ދެ ފިހާރައެއް ވެސް މާލެތެރޭގައި ހުޅުވާފަ އެވެ.
"ވިލާ މާޓް" ގެ ނަމުގައި ފުރަތަމަ ފިހާރަ ހުޅުވާފައި ވަނީ އޯކިޑް މަގު ފެންޓަސީ ކައިރީގަ އެވެ. އަދި ދެވަނަ ފިހާރައެއް ރޭ ހުޅުވާފައި ވަނީ މަޖީދީމަގުގައި މާވެޔޮ މަގާ ކައިރިންނެވެ. އަލަށް ހުޅުވި ވިލާ މާޓުގައި އެ ކުންފުނިން މަނީ ޓްރާންސްފާގެ ހިދުމަތްދޭ "ވެސްޓަން ޔޫނިއަން" ގެ ގޮތްޕެއް ވެސް ހިމަނާފައި ވެއެވެ.
ވިލާ ޓްރޭޑިންގެ އޮފިސަލަކު ރޭ ވިދާޅުވި ގޮތުގައި ވިލާ މާޓުން އާއްމުންނަށް ބޭނުންވާ މުދާ އަގު ހެޔޮކޮށް ލިބެން ހުންނާނެ އެވެ.
"އާއްމު މުދާ ވިއްކަން ހުޅުވާ މި ފިހާރަތަކުގައި [ވިލާ ޓްރޭޑިން] ގެ އަމިއްލަ ޕްރޮޑަކްޓްތައް ވެސް ހުންނާނެ،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއީ އެ ކުންފުނީގެ ވިޔަފާރިއަށް ގެނައި ބަދަލެއް ކަމަށާއި ބަދަލެއް ގެނައީ އާއްމުންނާ ކައިރިން ހިދުމަތް ދޭން ވެގެން ކަމަށެވެ.
ގާސިމްގެ ވިލާއަކީ ރާއްޖޭގައި އެންމެ ފުޅާކޮށް ޓޫރިޒަމް ވިޔަފާރި ކުރާ އެއް ކުންފުންޏެވެ. އެ ކުންފުނީގެ ވިލާ ހޮޓެލްސް އިން ރާއްޖޭގައި ފަސް ރިސޯޓެއް ހިންގަ އެވެ. އަދި ވިލާއަކީ ރާއްޖޭގައި އެންމެ ފުޅާކޮށް ހަކަތައިގެ ވިޔަފާރި ކުރާ އަމިއްލަ ކުންފުންޏެވެ. ވިލާއިން ރާއްޖޭގައި ގޭސް ވިއްކުމުގެ އިތުރުން ރާއްޖޭގައި ތެލުގެ ވިޔަފާރި ވެސް ކުރެ އެވެ. މީގެ އިތުރުން އެ ކުންފުނީގެ ދަށުން ކަނޑުމަހުގެ ވިޔަފާރި ކުރަން މާންދޫގައި ފެކްޓްރީއެއް ހިންގާއިރު، ކީކިމިނީގައި ވެސް މަސް ގަންނަ ސެންޓަރެއް ހިންގަ އެވެ. އަދި ވިލާއިން ކޮލެޖާއި ސްކޫލް ވެސް ހިންގަ އެވެ.