ވޯލްޑް ކަޕް ކޮލިފައިންގައި މާދަމާ ރާއްޖެއާ ދެކޮޅަށް ހޮންކޮން ނެރޭނީ އެންމެ ވަރުގަދަ ޓީމު ކަމަށް ހޮންކޮންގެ ކޯޗު ކިމް ޕަން ގޮން ބުނެފި އެވެ.
ކޯޗު ބުނީ އޭނާގެ ކުޅުންތެރިންގެ ތެރެއިން މެޗުގައި ނުކުޅެވޭނީ ކެޕްޓަން ޗާން ވައި ހޫ އަށް އަށް ކަމަށެވެ. މިހެންވެ ޓީމު ލީޑް ކުރާނީ ގޯލްކީޕަރު ޔާޕް ހުންގ ފައި ކަމަށެވެ.
"ރާއްޖެ އަކީ ބަލި ޓީމެއްނޫން. އެއީ ވަރުގަދަ ޓީމެއް. އަހަރުމެންނަށް މިއީ ވަރަށް މުހިންމު މެޗެއް. ކުރިއަށް އޮތީ ޗައިނާ މެޗު. އެމެޗަކީ އަހަރުމެން ކުޅެންޖެހޭ އެންމެ މުހިންމު މެޗު. އެހެންވީމާ މި މެޗުން ޕޮޒިޓިވް ނަތީޖާއަކާއެކު އެ މެޗާ ކުރިމަތިލާން ޖެހޭނީ،" ދެކުނު ކޮރެޔާގެ ކޯޗު ބުންޏެވެ.
މި މެޗަށް ނުކުންނައިރު ހޮންކޮން އޮތީ 10 ޕޮއިންޓާއެކު ޓޭބަލުގެ ދެ ވަނާގަ އެވެ. ރާއްޖެ އޮތީ ތިން ޕޮއިންޓާއެކު ހަތަރު ވަނާގަ އެވެ. އެއްވަނާގައިވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން 15 ޕޮއިންޓާއެކު ގަތަރެވެ. ޗައިނާ އޮތީ ހަތް ޕޮއިންޓާއެކު ތިން ވަނާގަ އެވެ. ނަމަވެސް އެއީ ހޮންކޮން އަށްވުރެ އެއް މެޗު މަދުން ކުޅެގެންނެވެ. ޕޮއިންޓެއް ނުލިބި ޓޭބަލުގެ ފުލުގައިވަނީ ބޫޓާނެވެ.
މި ފަހަރުގެ ކޮލިފައިންގައި ރާއްޖެ ކުޅުނު މެޗުތަކުގެ ތެރެއިން މޮޅުވީ ބޫޓާން އަތުން އެކަންޏެވެ. ގަތަރާއެކު މާލޭގައި 1-0އިން ބަލިވެ އެ ގައުމުގައ ބަލިވީ 4-0އިންނެވެ. ހޮންކޮން އަތުން 2-0އިން އަދި ޗައިނާ އަތުން ބަލިވީ 3-0އިންނެވެ.