ޓެކްސް

ސަރުކާރު ކުންފުނިތަކުން ޑިވިޑެންޑަށް 104 މިލިއަން ރުފިޔާ

ސަރުކާރު ހިއްސާވާ ކުންފުނި ތަކުން ޑިވިޑެންޑްގެ ގޮތުގައި މި އަހަރުގެ މިހާތަނަށް ސަރުކާރަށް 104 މިލިއަން ރުފިޔާ ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން މިމަހުގެ 13 ވަނަ ދުވަހު އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ސަރުކާރު ކުންފުނިތަކުން ޑިވިޑެންޑުގެ ގޮތުގައި މިހާތަނަށް 104.6 މިލިއަން ރުފިޔާ ދެއްކިއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ކުންފުނިތަކުގެ ޑިވިޑެންޑް އުޅެނީ 29.1 މިލިއަން ރުފިޔާގަ އެވެ. އަދި 2019 ވަނަ އަހަރުގެ މި މުއްދަތާ ހަމައަށް ޑިވިޑެންޑުގެ ގޮތުގައި ސަރުކާރު ކުންފުނި ތަކުން ލިބިފައިވަނީ 20.3 މިލިއަން ރުފިޔާ އެވެ.

މި އަހަރަށް ލަފާކުރި ބަޖެޓުގައި ކުންފުނި ތަކުން ޑިވިޑެންޑުގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވަނީ 756.2 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ބަޖެޓުގައި ކުންފުނިތަކުން ޑިވިޑެންޑުގެ ގޮތުގައި ލިބޭނެ ކަމަށް 1.3 ބިލިއަން ރުފިޔާ ލަފާކުރި އެވެ.

ކޮވިޑް-19 ގެ ސަބަބުން އިގްތިސޯދަށް އައިސްފައިވާ ހީނަރުކަމާ ގުޅިގެން ކުންފުނިތަކުގެ އާމްދަނީއަށް ވަނީ ހީނަރުކަން އައިސްފަ އެވެ.

ސަރުކާރު ހިއްސާވާ 21 ވަރަކަށް ކުންފުނި އޮންނަ އިރު، ޑިވިޑެންޑް ދަށްކަނީ ނިސްބަތުން މަދު ކުންފުންޏެކެވެ. އެހެންވެ ޑިވިޑެންޑް ދައްކަން ބާރު އެޅުމުގެ ގޮތުން ފިނޭންސް މިނިސްޓްރީން މި އަހަރު ކުންފުނީގެ ބޯނަސް ބެހުމުގެ އުސޫލަށް ވެސް ބަދަލުތަކެއް ގެނެސްފަ އެވެ.

ސަރުކާރަށް އެންމެ ގިނައިން ޑިވިޑެންޑް ދައްކާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ އާމްދަނީ ވެސް ވަނީ ދަށްވެފަ އެވެ. އެމްއޭސީއެލްގެ އިތުރުން ސަރުކާރަށް އެންމެ ގިނައިން ޑިވިޑެންޑް ދޭ ކުންފުނިތަކަކީ ބީއެމްއެލް އާއި ދިރާގެވެ.