މޯލްޑިވްސް ޕޮލިސް ސާވިސް

ދަރަވަންދޫން ހައްޔަރު ކުރީ ހަމަލާއާ ގުޅުންހުރި މީހެއް

May 20, 2021

ބ. ދަރަވަންދޫ އިން ރޭ ހައްޔަރުކުރި މީހަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ އާއި ގުޅުންހުރި މީހެއް ކަމަށް ފުލުހުން ބުނެފި އެވެ.

ދަރަވަންދޫގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ ލ.ގަން ދުންފުނި އުފާ، އަހުމަދު ފާތިހު އެވެ. އޭނާ އަކީ 23 އަހަރުގެ މީހެއް ކަމަށް ފުލުހުން މިއަދު ވަނީ ބުނެފަ އެވެ.

ނަމަވެސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ ހަމަލާގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ މީހުންނާ ހަމަލާއާ ގުޅޭ ގޮތާއި ލިބިފައިވާ ހެކީގެ މައުލޫމާތު އަދި ހާމަ ކުރެވެން ނެތް ކަމަށެވެ. އެހެން ނަމަވެސް މައުލޫމާތު ހާމަކުރެވޭ މިންވަރަކުން ހާމަކުރަމުން ދާނެ ކަމަށް ވިދާޅުވި އެވެ.

މި މަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ފުލުހުން ގެންދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ. އެގޮތުން އައްޑޫ އިން ހައްޔަރުކޮށްފައިވާ ނުވަ މީހުން، ރައީސް ނަޝީދަށް ދިން ހަމަލާއާއި އެއްވެސް ގުޅުމެއް ވޭތޯ ފުލުހުން ބަލަމުން އަންނަ ކަމަށް ބަޝީރު ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާ އާއި ހުޅިގެން މީގެ ކުރިން ވަނީ ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ ޑިވައިސް ގޮއްވާލި ކަމުގެ ތުހުމަތު އޮތް ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު އާއި މއ. ފޭރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދު އެވެ. ތަހްމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ. އަދި މުޖާޒް އަކީ އެ ހަމަލާއަށް ފަހު އަދުހަމްއާ ބައްދަލުކުރި މީހެކެވެ.

ނަމަވެސް ފާތިހު އާއި މި ހަމަލާއާއި އޮތް ގުޅުން ފުލުހުން ސާފުކޮށްދީފައެއް ނުވެ އެވެ. އޭނާ އަކީ ހަމަލާ ދިން ތަނުގައި ސައިކަލު ބެހެއްޓި މީހާ ކަމަށް މައުލޫމާތު ލިބެ އެވެ.