އޭޑީކޭ ހޮސްޕިޓަލުގެ ފާހާނާއެއް ތެރެއިން ފިސްތޯލައެއް ފެނުނު މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގައި އެމަނިކުފާނު ފަރުވާ ހޯއްދަވަމުން ދަނިކޮށް ހޮސްޕިޓަލުގެ ފާހާނާއެއް ތެރެއިން ފިސްތޯލައެއް ފެނުނު ކަމުގެ އަޑުތައް ވަނީ އަރާފަ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި ފިސްތޯލަ ފެނިފައި ވަނީ އެ ހޮސްޕިޓަލުގެ މުވައްޒަފަކަށެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޗީޕް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ އެކަމާ ގުޅޭ މައުލޫމާތު މިއަދުގެ ޕްރެސްއަށް ނުގެންނަވާ ކަމަށެވެ.
ފިސްތޯލަ ފެނުނު ކަމަށް ފެތުރޭ އަޑުތައް ދޮގު ކުރައްވާފައެއް ވެސް ނުވެ އެވެ. ވިދާޅުވީ އެކަމާ ގުޅޭ މައުލޫމާތު ވަރަށް އަވަހަށް ސާފު ކޮށްދެއްވާނެ ކަމަށެވެ. މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ކަމާ ބެހޭ އިދާރާއަކުން މިހާތަނަށް މީޑިއާއާ ހިއްސާކޮށްފައެއް ނުވެ އެވެ. އަދި އޭޑީކޭ އިން ވެސް އެ ވާހަކަ ދައްކާފައެއް ނުވެ އެވެ.
ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން މިހާތަނަށް ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އެ އެންމެންނަކީ ހަރުކަށި ފިކުރުގެ މީހުންނެވެ. އަދި އައްޑޫ ސިޓީ އިން ވެސް ވަނީ ހަރުކަށި ފިކުރުގެ ނުވަ މީހުން ހައްޔަރުކޮށްފަ އެވެ. އެމީހުންނާއި ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅުމެއް ވޭތޯ ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފަ އެވެ.