ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޓޫރިސްޓް އެރައިވަލް

ޓޫރިސްޓު އެރައިވަލް 1،500 އިން ދަށަށް

ރާއްޖޭގެ ބޯޑަރު ހުޅުވި ފަހުން ދުވާލަކު އަންނަ ޓޫރިސްޓުން ނުވަތަ "ޑެއިލީ އެރައިވަލް" 1،500 އިން ދަށަށް ވެއްޓިއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ 17 އިން ފެށިގެން ޑެއިލީ ޓޫރިސްޓު އެރައިވަލްސް ވަނީ 1،500 އަށް ވެއްޓިފަ އެވެ. އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިމަހުގެ 20 ވަނަ ދުވަހު އައިސްފައި ވަނީ 1،576 ޓޫރިސްޓުންނެވެ. އަދި އޭގެ ފަހުން ވޭތުވެދިޔަ ހަތަރު ދުވަހު ޓޫރިސްޓުން އައިސްފައި ވަނީ 1،300 އާއި 1،500 އާ ދެމެދުގެ އަދަދެކެވެ.

ޓޫރިސްޓުން އައުން މަދުވެފައި ވަނީ މި ދުވަސްވަރަކީ އޮފް ސީޒަނަށް ވުމުގެ އިތުރުން ކޮރޯނާ ވައިރަސް ފެތުރޭތީ އެންމެ ގިނައިން ޓޫރިސްޓުންގެ ނަމްބަރު ލިބޭ އެއް ގައުމު ކަމަށްވާ އިންޑިއާ މާކެޓު ބަންދު ކުރުމުންނެވެ. އިންޑިއާ މާކެޓު ބަންދު ކުރުމާ ހަމައަށް ރާއްޖޭގެ ޑެއިލީ އެރައިވަލް އުޅެނީ 2،000 އިން މަތީގަ އެވެ.

އަންނަ ޓޫރިސްޓުންގެ އަދަދު މި ދުވަސްވަރު މަދުވެފައިވާއިރު، ސަރުކާރުން ކުރިން އުންމީދު ކުރީ މި އަހަރުގެ އޮފް ސީޒަންއަކީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް އޮފް ސީޒަންގައި އެންމެ ރަނގަޅު ނަމްބަރެއް ލިބޭނެ އަހަރަށް ވާނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އަވަސް އަށް ކުރިން ވިދާޅުވި ގޮތުގައި ޓޫރިޒަމް ހީނަރުވީ ކޮވިޑް-19 ގެ ބަލީގެ ނަމްބަރު މަތިވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މާލޭގައި ގޮއްވާލި ބޮން ވެސް ސަބަބުންނެވެ. ނަމަވެސް މިހާރު ކުރަމުންދާ މަސައްކަތްތަކާއެކު މި އަހަރު ޓޫރިސްޓުން ގެންނަން ކަނޑައެޅި އަމާޒު ކަމަށްވާ 1.5 މިލިއަން މީހުން ގެނެވޭނެ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރު ފެށުނީއްސުރެން ފެށިގެން މިހާތަނަށް ރާއްޖެއަށް އައިސްފައި ވަނީ 436،601 ޓޫރިސްޓުންނެވެ. މިދިޔަ އަހަރު ބޯޑަރު ހުޅުވިފަހުން ޖުލައި މަހުން ފެށިގެން ޑިސެމްބަރުގެ ނިޔަލަށް 555،494 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި 2019 ވަނަ އަހަރު ޓޫރިޒަމްގެ އާ ރެކޯޑެއް ހަދައި 1.7 މިލިއަން މީހުން އައި ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.