ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޓޫރިޒަމް

ޓުއި ކުންފުނިން ރާއްޖޭގެ ބުކިންތައް ކެންސަލްކޮށްފި

ދުނިޔޭގެ އެންމެ ބޮޑު އެއް ޓުއާ އޮޕަރޭޓަރު ކަމަށްވާ ޓުއި އިން ރާއްޖޭގެ ހުރިހާ ބުކިންތައް ކެންސަލް ކޮށްފި އެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ބަލި ވަރަށް ބޮޑަށް ފެތުރި ޓޫރިސްޓުން އައުން މަދުވެފައި ވަނިކޮށް ޖަރުމަނަށް ނިސްބަތްވާ އަދި މުޅި ދުނިޔެއަށް ފެތުރިފައިވާ ޓުއި ކުންފުނީގެ ބުކިންތައް ކެންސަލް ކޮށްލުމަކީ ރާއްޖެއަށް ކުރިމަތިވާނެ ބޮޑު މައްސަލައަކަށް ވާނެ އެވެ.

އިނގިރޭސިވިލާތުން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ބޮޑު ބައެއް ހިއްސާކުރާ ޓުއި ކުންފުނިން ބުނެފައިވާ ގޮތުން ކޮވިޑް-19 އިގެ ބަލި ގަދަޔަށް ފެތުރޭތީ އިނގިރޭސިވިލާތުގެ ރެޑް ލިސްޓުގައި ހިމަނާފައިވާ ރާއްޖޭގެ އިތުރުން ދުބާއީ އާއި ތުރުކީއަށް ކުރިއަށް އޮތް މަސް ދުވަހަށް ހުރި ބުކިންތައް ވެސް ކެންސަލް ކޮށްފައިވާ ކަމަށެވެ.

ޓުއި ކުންފުންޏަކީ ޓޫރިސްޓުން އެކި ގައުމުތަކަށް ފޮނުވުމުގެ އިތުރުން މީހުން ގެންގޮސް ދިނުމުގެ ހިދުމަތް ދޭ އެއާލައިނެއް ވެސް އޮންނަ ކުންފުންޏެކެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ބަލި ކޮންޓްރޯލުން ނެއްޓިފައިވާއިރު، މިހާރު ހަދާފައިވާ ގިނަ ބުކިންތައް ވެސް ދަނީ ކެންސަލް ކުރަމުންނެވެ. ރާއްޖޭގެ ބޮޑެތި ކުންފުނިތަކުން ބުނެފައިވާ ގޮތުގައި ބުކިން ކެންސަލްވާ އަދަދު 15 ޕަސެންޓުވަރު ވަނީ އިތުރުވެފަ އެވެ.

ބުކިންތައް ކެންސަލް ކުރަމުންދާއިރު ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީން ބުނެފައި ވަނީ ރާއްޖެ އުފެދިފައިވާ ގޮތުގެ ސަބަބުން އެޑްވޭންޓޭޖް ތަކެއް އެބަހުރި ކަމަށާ، އެ ވާހަކަަތައް ދުނިޔެއަށް ކިޔައި ދެމުންދާ ކަމަށެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް 52،402 މީހަކު ޕޮޒިޓިވްވެފައިވެ އެވެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު 1603 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ. މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 21،079 މީހުންނެވެ. މިހާތަނަށް 31،197 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 286 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 16 މީހަކު އޮތީ އައިސީޔޫގައެވެ. 8 މީހަކު އޮތީ ވެންޓިލޭޓަރުގައެވެ. އިއްޔެ ކޮވިޑް ބަލީގަައި ހަތަރު މީހަކު މަރުވި އެވެ. މި އަހަރުގެ މިހާތަނަށް 69 މީހަކު ވަނީ މަރުވެފައެވެ. މިދިޔަ އަހަރު ހަތް މަސް ދުވަހުގެ ތެރޭގައި މަރުވީ 51 މީހެކެވެ. މި މަހު އެކަނިވެސް 47 މީހަކު މި ބަލީގައި މަރުވެއްޖެ އެވެ.