އިމްރާން އަބްދުﷲ

ފުލުހުންގެ ހިދުމަތް މިއަހަރު ފެށީ ހަތަރު ރަށުގައި

ފުލުހުންގެ ހިދުމަތް މިއަހަރު އަލަށް ދޭން ފެށީ ހަތަރު ރަށެއްގައި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިއަދު މަޖިލީހަށް ހާޒިރުކުރީ ތ. ތިމަރަފުއްޓާއި ހަމަ އެއަތޮޅު ވޭމަންޑޫގައި ފުލުހުންގެ މަރުކަޒު ގާއިމު ކުރެވޭނެ ތާރީހާ ގުޅޭ ގޮތުން ސުވާލުކުރުމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ބޭނުންފުޅު ވެގެނެވެ.

ރިޔާޒް ކުރެއްވި ސުވާލުގެ ޖަވާބުގައި އިމްރާން ވިދާޅުވީ އެ ދެ ރަށުގައި ފުލުހުންގެ މަރުކަޒު ގާއިމް ކުރެވޭނެ ތަރީހެއް ދަންނަވަން ދަތި ކަމަށެވެ. ނަމަވެސް އިސްކަމެއް ދީގެން އެ ދެ ރަށުގައި ވެސް ފުލުހުންގެ މަރުކަޒު އަޅާނެ ކަމަށެވެ.

އެހެން ރަށްރަށުގައި ވެސް ފުލުހުންގެ މަރުކަޒު އެޅުން ލަސްވާތީ ބައެއް އެހެން މެމްބަރުން ވެސް އިމްރާންއަށް މިއަދު ސުވާލުތައް އަމާޒު ކުރެއްވި އެވެ.

އިމްރާން ވިދާޅުވީ މިއަހަރު 14 ރަށެއްގައި ފުލުހުންގެ ހިދުމަތް އަލަށް ގާއިމް ކުރަން ނިންމާފައި އޮތް ކަމަށާއި މިހާތަނަށް ހިދުމަތް ގާއިމް ކުރެވުނީ ހަތަރު ރަށުގައި ކަމަށެވެ. އަދި އެހެން ދިމާވީ ކޮވިޑާއެކު ބަޖެޓު ތާށިވެގެން ކަމަށެވެ.

އަތޮޅުތަކުގެ 104 ރަށެއްގައި މިހާރުވެސް ފުލުހުންގެ ހިދުމަތް ދެއެވެ. ނަމަވެސް އެކަށީގެންވާ ފެންވަރުގެ ސްޓޭޝަންތައް ބައެއް ރަށްރަށުގައި ނެތެވެ.