ރާއްޖެ ކުޅިވަރު

ރާއްޖެ އޮތީ އަމާންކޮށް، ޖެހިލުންވަނީ ހޮޓަލުގެ ވަށައިގެން ގެތައް ހުރުމުން: ހޮންކޮން ޓީމު

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު އިއުލާނުކުރި ނަމަވެސް އެމީހުން ހީކުރިވަރަށްވުރެ ރާއްޖެ އޮތީ އަމާކޮށް ކަމަށާއި ނަމަވެސް ޓީމު ހޮޓަލުގެ ވަށައިގެން ހުރި ގެތަކުން އަޑުގަދަކުރާތީވެ ކޮންމެވެސް ވަރަކަށް ޖެހިލުންވާ ކަމަށް ހޮންކޮންގެ ޓީމުން ބުނެފި އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި މާދަމާ ރާއްޖެއާ ދެކޮޅަށް ކުޅެން އައިސްތިބި ޓީމުން އިއްޔެ ހަވީރު ހެންވޭރު ދަނޑުގައި ބޭއްވި ފަރިތަކުރުންތަކަށް ފަހު ވާހަކަ ދައްކަމުން ޓީމުގެ އޮފިޝަލް މަންޗުން ބުނީ ރާއްޖޭގައި އެއްވެސް ނުރައްކަލެއް އޮތްތަން ނުފެންނަ ކަމަށެވެ.

"އެންމެވެސް ވަރަށް އެކުވެރި. އަހަރުމެން ތިބޭ ހޮޓަލަށް ފުލުހުންއައި. އަހަރުމެން ދަތުރުކުރިއިރު އެސްކޯޓް ކޮށްދިން. އަހަރުމެން ހީކުރީ ވަރަށް މާހައުލު ގޯސްވާނެކަމަށް. އެކަމަކު ވަރަށް އަމާކޮށް މިފެންނަނީ،" މަން ބުންޏެވެ.

ނަމަވެސް އޭނާ ބުނީ އެއްވެސް ކުޅުންތެރިއަކު އެކަނި ހޮޓަލުން ބޭރަށް ނުދާ ކަމަށެވެ.

މިޑްފީލްޑަރު ލާމް ބުނީ ހޮޓަލުގެ ވަށައިގެން ގެތައް ހުރުމުން ޖެހިލުންވާ ކަމަށެވެ.

"މި މާހައުލުގައި ހަލަބޮލިކަމެއްނެތް އަހަރުމެން ހީކުރިވަރަކަށް. އެކަމަކު ހޮޓަލުގެ ވަށައިގެން ގެތައް ހުރުމުން ފަސްޖެހޭ. ގެތަކުން އަޑުގަދަކުރޭ. އަހަރުމެން އެކަނި ހޮޓަލުން ބޭރަށް ނުދަން. އެންމެ ރަނގަޅު ގޮތަކީ ހޮޓަލުގައި ތިބުން،" މިޑްފީލްޑަރު ލާމް ކަވާ އީ ބުންޏެވެ.

ހޮންކޮންގެ މީޑިޔާ އަށް ހޮންކޮން އެފްއޭގެ ސްޕޯކްސް ޕާސަން ބުނެފައިވަނީ ރާއްޖޭގެ މާހައުލު ވަރަށް އަމާން ކަމަށާއި އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.

"ހާލަތު އޮތީ ވަރަށް އަމާންކޮށް. އަހަރުމެންނަކަށް ހިޔެއްނުވޭ އެއްވެސް ނުރައްކަލެއްއޮތްހެން،" އޭނާ ބުންޏެވެ.

ޓީމުގެ ގޯލަކީޕަރު އަދި މާދަމާގެ މެޗުގައި ކެޕްޓަންކަންކުރާ ކުޅުންތެރިޔާ ޔާޕް ހުންގ ފައި ބުނީ ކުރިން ލަފާކުރި ވަރާގާތަށް ވެސް ރާއްޖޭގައި ނުރައްކަލެއް ނެތް ކަމަށާއި އެމީހުން ހުޅުލެއިން މާލެ ދަތުރުކުރިއިރު ފުލުހުން ޓީމާއެކު ދަތުރު ކުރި ކަމަށެވެ.