ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މޯލްޑިވްސް ޕޮލިސް ސާވިސް

މިސްކިތަށް އަރައިގެން އެއްވެސް މީހަކު ޖޫރިމަނާ ނުކުރޭ

މިސްކިތަށް އަރައިގެން އެއްވެސް މީހަކު ޖޫރިމަނާ ކޮށްފައިނުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިހެން ބުނެފައިވަނީ މިސްކިތުން ފޭބި ވަގުތު ނަމާދުކޮށްގެން ތޯ ސުވާލުކޮށް 1،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށް ބުނެ އާންމުންގެ މީހަކު ކުރި ފޭސްބުކް ޕޯސްޓަކާ ގުޅިގެން ސުވާލު ކުރުމުންނެވެ. އެމީހާ ކުރި ޕޯސްޓްގައި ބުނެފައިވަނީ ފުރުގާން މިސްކިތުން ފޭބިތަނާ ނަމާދު ކޮށްގެންތޯ ފުލުހަކު އޭނާއާ ސުވާލު ކޮށްފައިވާ ކަަމަށެވެ. އަދި 1،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް ޖޫރިމަނާގެ ސްލިޕްގައި ލިޔެފައިވަނީ ހުއްދަ ނެތި ބޭރުގައި އުޅުނު ކަމަށެވެ.

އެ މީހާ ބުނީ ޖޫރިމަނާ ކުރުމުން ފުލުހަށް ގުޅި ކަމަށާ އަދި މިސްކިތަށް ނަމާދަށް އެރުމަކީ މަނާ ކަމެއް ކަަމަށް ފުލުހުން ޖަވާބު ދީފައިވާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން ފުލުހުން ބުނީ މިސްކިތަށް އަރައިގެން އެއްވެސް މީހަކު ޖޫރިމަނާ ކޮށްފައިނުވާނެ ކަމަށެވެ.

މިސްކިތްތައް ކައިރީ ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށާ މާލޭގެ ހުރިހާ މިސްކިތަކުން ކަރަންޓާއި ފެން ކަނޑާލާފައިވާ ކަމަށް ބުނެ ބައެއް އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިއްޔެއިން ފެށިގެން މާލޭގެ މިސްކިތްތައް ވަނީ ބަންދުކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މެއި 19 އިން ފެށިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގެ ނަމާދު ކުރުން މެދުކަނޑާލާފައިވީނަމަވެސް މިނިސްޓްރީގެ އެ ނިންމުމާއި ހިލާފަށް މިސްކިތްތަކުގައި ގައިދުރުކަމެއް ނެތި ޖަމާއަތް ހަދަމުންދާތީ އާއި ކޮވިޑްގެ ހާލަތު ގޯސްވެފައިވާތީ އަދި މިއަދުން ފެށިގެން ހުއްދަ ނެތި ބޭރަށް ނިކުމެ އުޅުން މަނާކޮށްފައިވާތީ ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މާލޭގެ މިސްކިތްތައް ބަންދު ކޮށްފައިވާ ކަމަށެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. 16 ގަޑިއިރުގެ ކާފިއު ހިންގާއިރު ކާފިއު ނޫން ވަގުތުވެސް ބޭރަށް ނިކުމެ އުޅެވޭނީ ފުލުހުން ދޭ ހާއްސަ ހުއްދައެއްގެ ދަށުންނެވެ.