ރިސޯޓް ލައިފް ކުންފުނިން ޓުއާ އޮޕަރޭޓަރެއްގެ ގޮތުގައި ރަޝިއާގައި ހަރަކާތްތެރިވާން ފަށައި އެ ގައުމުގައި އޮފީސް ހުޅުވައިިފި އެވެ.
ރާއްޖެ އަށް އެންމެ ގިނައިން ރަޝިއާ ޓޫރިސްޓުންގެ ގެންނަ ކުންފުނި ކަމަށްވާ ރިސޯޓް ލައިފް އިން ވަނީ ރަޝިއާގައި ވިޔަފާރި ފަށައި "ރިސޯޓް ހޮލިޑޭ" ގެ ނަމުގައި ކުންފުންޏެއް ރަޖިސްޓްރީ ކޮށްފަ އެވެ. އަދި އެ ގައުމުގައި އޮފީހެއް ހުޅުވައި ރަޝިއަން ރީޖަން ހިމެނޭ ގޮތަށް ޔޫރަޕުގައި ރާއްޖެ ވިއްކުމުގެ މަސައްކަތް ފަށާފަ އެވެ.
ރަޝިއާގައި މިވަގުތު ހުންނެވި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާޒް ވަލީދު ވިދާޅުވީ މޮސްކޯގައި ހުޅުވި ރިސޯޓު ހޮލިޑޭ އޮފީސް ވެގެންދާނީ ދިވެއްސަކު މިގޮތަށް ބޭރުގައި ހަރަކާތްތެރިވާން ފެށި މުޅިން އާ ޗެޕްޓަރަކަށް ކަމަށެވެ.
"ދިވެހި ކުންފުންޏެއް މިގޮތަށް ބޭރުގައި ޓުއާ އޮޕަރޭޓަރެއްގެ ގޮތުގައި ހަރަކާތްތެރިވާން ފެށުމަކީ ކާމިޔާބީއެއް. މީގެން ފައިދާ އޮތީ ރާއްޖެ އަށް،" ވަލީދު ވިދާޅުވި އެވެ.
ކޮވިޑް-19 ގެ ހާލަތުގައި ރާއްޖޭގެ ޓޫރިޒަމް ކޮޅަށް ނެގުމުގައި އެންމެ އިސް ދައުރެއް އަދާ ކުރެއްވި ވަލީދު ވިދާޅުވި ގޮތުގައި ރަޝިއާގައި ހުޅުވި އޮފީސް ހަދަން ހަ ލައްކަ ޑޮލަރު ވަރު ހޭދަވި ކަމަށެވެ. އަދި މި އޮފީހުގައި 10 މުވައްޒަފުން މަސައްކަތް ކުރާއިރު އޮފީހުގައި ހަރަކާތްތެރި ވާނީ ރަޝިއާގެ ޓޫރިޒަމް ސިނާއަތުގައި ހާއްސަކޮށް ޓްރެވަލް އިންޑަސްޓްރީގައި ތަޖުރިބާހުރި ފަރާތްތައް ކަމަށެވެ.
"އެއިނ ކޮންމެ މީހަކީ ވެސް މީގެ ކުރިން އަހަރަކު މިލިއަނެއްހާ ޓޫރިސްޓުން ދުނިޔޭގެ އެކި ގައުމުތަކަށް ފޮނުވައިދިން މީހުން. އެހާ މިކަމުގެ ކުރިއަރާފައި ތިބި ބޭފުޅުން. އެހެންވެ އުންމީދަކީ މި ސަރަހައްދުގައި ރާއްޖޭގެ މާކެޓު ބޮޑަށް ފުޅާ ކުރުން،" ވަލީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ބޭރުގެ 10 މީހުން މި އޮފީހުގައި އުޅުނު ނަމަވެސް އޮފީހުގެ ހެޑަކަށް ދިވެއްސަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ބޭނުން ވަނީ ދިވެހިން. މިކަން ބޭރުގައި ފެށީވެސް ރާއްޖެއަށްޓަކައި. މަގުސަދަކީ މި ރީޖަންއަށް ގައުމީ އެއާލައިން ދަތުރު ކުރެވޭނެ ކެޕޭސިޓީ ހޯދައި ދިނުން. ގައުމީ އެއާލައިން އުދުހޭނޭތަން ފެނުމަކީ އެންމެ ބޮޑު އުފާ،" ވަލީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޭރުގައި ޓުއާ އޮޕަރޭޓަރު ވިޔަފާރި ކުރުމަކީ ފަސޭހަކެއް ނޫން ކަމަށާ، ނަމަވެސް ރާއްޖެ ވިއްކަން ދިވެހިން ނޫން ބަޔަކަށް ނޭނގޭނެ ކަމަށެވެ.
"ރާއްޖެއަށް އެކަށީގެންވާ އަގު ލިބޭނީ ދިވެހި ކުންފުނިތަކަށް ފުރުސަތު ދީގެން. ރާއްޖެއަށް ޑޮލަރު ވަންނާނީ އޭރުން. މިކަން ފެށުމާއެކު އުންމީދު ކުރަން ސަރުކާރުގެ އެއްބާރުލުން މިހާރަށްވުރެވެސް ބޮޑަށް ލިބޭނެ ކަމަށް. އުންމީދު ކުރަން ރަޝިއާގެ އެއާޕޯޓުގައި އެމްއެމްޕީއާރުސީއާ ގުޅިގެންނަމަވެސް އިސްތިހާރު ކުރަން،" ވަލީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުނީގެ ވިޔަފާރީގެ ޓާން އޯވާ ބޮޑު ކަމަށާ، އުންމީދަކީ މި މަސައްކަތާއެކު އަހަރު ކުރެވޭ ވިޔަފާރީގެ ޓާންއޯވާ 150 މިލިއަން ޑޮލަރާއި 200 ޑޮލަރަށް މަތިކޮށްލުން ކަމަށެވެ.
"އިރާދުކުރެއްވިއްޔާ ވަރަށް ރަނގަޅުކޮށް މި ދައްކަނީ މިދިޔަ އާދީއްތަ ދުވަހު އޮފީސް ހުޅުވީ މިހާރު ވެސް 60 އަށްވުރެ ގިނަ ކޮޓަރި ލިބިއްޖެ. މި އޮފީހާއެކު އިތުރު ޗާޓަރު ފްލައިޓްތަކެއް ބޭއްވުމަކީ ވެސް އުންމީދެއް،" ވަލީދު ވިދާޅުވި އެވެ.
ރާއްޖޭގެ ބޯޑަރު ޖުލައި މަހު ހުޅުވުމާއެކު ރިސޯޓް ލައިފްގެ ބެލުމުގެ ދަށުން ހަތަރު ޗާޓަރު ފްލައިޓެއް ބޭއްވި އެވެ. އަދި މިހާރު ވެސް ދެ ފްލައިޓެއް ބާއްވަމުން ދެ އެވެ. މި ކުންފުނިން މި ހާލަތުގައި ކުރި މަސައްކަތް ރާއްޖޭގެ ޓޫރިޒަމްގެ އެއްބާނީ ކަމަށްވާ އަމްޕާ ހުސެއިން އަފީފު ވެސް ވަނީ ފާހަގަކޮށްފައިވެ އެވެ.