ކުޅުދުއްފުށި

ކުޅުދުއްފުށީގައި ޒަހަމްކޮށްލި މީހާ މާލެ ގެނެސްފި

ކުޅުދުއްފުށީގައި ރޭ ހިންގި މާރާމާރީއެއްގައި ޒަހަމްވި މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ޒަހަމްވި 29 އަހަރުގެ ޒުވާނާ މިއަދު މެންދުރު މޯލްޑިވިއަންގެ ފްލައިޓެއްގައި ވަނީ މާލެ ގެެނެސްފަ އެވެ.

މާލެ ގެނެސް އޭނާ އެންމެ ފުރަތަަމަ ގެންދިޔައީ އައިޖީއެމްއެޗަށެވެ. އަދި މިހާރު އޭޑީކޭއަށް ބަދަލުކުރަން ވަނީ ނިންމާފަ އެވެ.

ރޭ ހިންގި މާރާމާރީގައި މޫނު ނިވާ ކޮށްގެން ތިބި ބަޔަކު ވަނީ އެ ޒުވާނާ ހިފަހައްޓައި ކާރަކަށް އަރުވައިގެން ގެންގޮސް އަނިޔާކޮށް ޒަހަމްކޮށްލައިފަ އެވެ.

ޒަހަމްވި މީހާ އަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގަ އެވެ. ނަމަވެސް އޭނާގެ ސިކުނޑިއަށް ލޭ އެޅިފައިވާތީ އިތުރު ފަރުވާއަށް މާލެ ގެނައީ އެވެ. އޭނާގެ އަތަށާއި ފައި އަދި ހަށިގަނޑުގެ އެކި ތަންތަނަށް ވަނީ ޒަހަމްކޮށްލާފަ އެވެ.

ހަމަލާއާ ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.