މާރާމާރީ ހިންގުން

ދެމަފިރިއަކު މާރާމާރީ ހިންގައި އަންހެން މީހާގެ ހާލު ސީރިއަސް

ދެމަފިރިޔަކު މަރާމާރީ ހިނގައި އޭގެ ތެރެއިން އަންހެން މީހާގެ ހާލު ސީރިއަސްވެ ފަރުވާ ދޭން ފަށައިފި އެވެ.

ހއ. ހޯރަފުށީގައި ދެމަފިރިއެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި މާރާމާރީ ހިންގައި އަންހެންމީހާއަށް ބޮޑެތި އަނިޔާތަކެއް ވަނީ ވެފަ އެވެ. ރޭގެ އެ މާރާމާރީގައި އަނިޔާވެފައިވާ އަންހެން މީހާއަށް މިހާރު ދިއްދޫ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް ކުޅުދުއްފުއްޓަށް ގެންދިޔުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

އަނިޔާވި އަންހެން މީހާގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާކު މިއަދު ބުނީ އަނިޔާ ކޮށްފައި ވަނީ އޭނާގެ ފިރިމީހާ އާއި ސުވާލެއް ކުރުމުން އެކަމާ ހިތްހަމަ ނުޖެހިގެން ކަމަށެވެ. އެ އާއިލާއިން ބުނީ އަންހެން މީހާގެ ބޮލުގައި ޖަހާފައިވާ ކަމަށެވެ. އަދި ކަރުގައި ހިފުމުގެ ސަބަބުން ކަރުގެ އެތެރެއަށް ގެއްލުން ވެފައިވާ ކަމަށެވެ. މީގެ އިތުރުން ފައިގެ އިނގިއްޔެއް ވެސް ބިންދައިގެން ގޮސްފައިވެ އެވެ.

އަނިޔާކުރި ފިރިހެން މީހާ ރޭގެ ވަގުތެއްގައި ހައްޔަރު ކުރި އެވެ. ނަމަވެސް ފަހުން އޭނާ ދޫކޮށްލީ ކަމަށް އެރަށުން ވާހަކަ ދެއްކި މީހުން ބުންޏެވެ.

ފުލުހުން ބުނީ ހޯރަފުށީގައި ދެމަފިރިއެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގެ މައްސަލަ ރޭ 9:35 ގައި ހުށަހަޅާފައިވާ ކަމަށާއި އެ ހަމަނުޖެހުމުގައި ދެ މީހުންނަށް ވެސް އަނިޔާވި ކަމަށެވެ. އަނިޔާވި އަންހެންމީހާ ދިއްދޫ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ކަމަށާއި ފިރިހެން މީހާއަށް ވެސް ހޯރަފުށި ހެލްތު ސެންޓަރުން ފަރުވާދިން ކަމަށެވެ.

މި މައްސަލަ ޖެންޑާ މިނިސްޓްރީ އާއި ގުޅިގެން ބަލަމުންދާ ކަމަށް ވެސް ބުންޏެވެ.