މާރާމާރީ ހިންގުން

މީހަކު ޒަހަމްކޮށްލުން: ތުހުމަތަށް ދެ މީހަކު ހައްޔަރުކޮށްފި

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކުޅުދުއްފުށީގައި މީހަކަށް ބޮޑެތި އަނިޔާތަކެއް ދީ ޒަހަމްކޮށްލި މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހަކު ހައްޔަރު ކޮށްފި އެެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 24 އަހަރާއި 25 އަހަރުގެ ދިވެހި ދެ ފިރިހެނުން ރޭ ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ޒަހަމްކޮށްލި މީހާ އެރުވި ކަމަށް ބެލެވޭ ކާރު ވެސް ފުލުހުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުނެއެވެ.

ޒަހަމް ކޮށްލައިފައި ވަނީ އުމުރުން 29 އަހަރުގެ ހަސަން އިބްރާހިމެވެ. އެ މާރާމާރީގައި މޫނު ނިވާ ކޮށްގެން ތިބި ބަޔަކު ވަނީ ހަސަން ހިފަހައްޓައި ކާރަކަށް އަރުވައިގެން ގެންގޮސް ބޮޑެތި އަނިޔާތަކެއް ދީފަ އެވެ.

މާރާމާރީގައި ހަސަންގެ ސިކުނޑިއަށް ލޭ އެޅިފައިވާއިރު އޭނާގެ ބޮލުގެ ބޮޑު އޮޕަރޭޝަނެއް އޭޑީކޭގައި އިއްޔެ ވަނީ ކޮށްފަ އެވެ. އޭނާގެ ހާލު އަދިވެސް ސީރިއަސް އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ހަސަން ޒަހަމްކޮށްލީ ވައްކަމުގެ ތުހުމަތުތަކަކާ ގުޅިގެން ނެވެ.