އޭޑިކޭ ހޮސްޕިޓަލް

ކުޅުދުއްފުށީގައި ޒަހަމްކޮށްލި މީހާގެ ބޮޑު އޮޕަރޭޝަނެއް

May 31, 2021

ކުޅުދުއްފުށީގައި ހިންގި މާރާމާރީއެއްގައި ޒަހަމްވި މީހާ އިތުރު ފަރުވާއަށް މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލްގައި ބޮލުގެ ބޮޑު އޮޕަރޭޝަނެއް ކޮށްފި އެވެ.

ޒަހަމްވި 29 އަހަރުގެ ޒުވާނާ މާލެ ގެނައީ އިއްޔެ މެެންދުރު އެވެ. ފުރަަތަމަ ގެންދިޔައީ އައިޖީއެމްއެޗަށް ނަމަވެސް އިމަޖަންސީގައި އޮޕަރޭޝަން ކުރަން ޖެހޭތީ ފަހުން އޭނާ ގެންދިޔައީ އޭޑީކޭއަށެވެ. އެ ހޮސްޕިޓަލުގައި އޭނާގެ ބޮލުގެ ބޮޑު އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ.

އާއިލާއިން ބުނި ގޮތުގައި އަދިވެސް އިތުރު އޮޕަރޭޝަނެއް ކުރަން ޖެހެއެވެ. އެ އޮޕަރޭޝަން މިވަގުތު ކުރެވިފައި ނުވަނީ ބޯ ވަރަށް ބޮޑަށް ދުޅަވެފައިވާތީ އެވެ.

"ޑޮކްޓަރުން ވިދާޅުވީ ވަރަށް ބޮޑަށް ގެއްލުންވެފައޭ ހުރީ. އޮތީ ވަރަށް ބޮޑުވަރު ކޮށްލާފައޭ. އެެހެންވީމަ ވާ ގޮތެއް އެނގޭނީ އިތުރު އޮޕަރޭޝަނެއްކޮށް އެކަން ނިމުނީމަ،" އެ އާއިލާއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ހޮނިހިރު ދުވަހުގެ ރޭ ހިންގި މާރާމާރީގައި މޫނު ނިވާ ކޮށްގެން ތިބި ބަޔަކު ވަނީ އެ ޒުވާނާ ހިފަހައްޓައި ކާރަކަށް އަރުވައިގެން ގެންގޮސް އަނިޔާކޮށް ވަރަށް ބޮޑަށް ޒަހަމް ކޮށްލައިފަ އެވެ. ބޮޑެތި އަނިޔާތައް ދީފައިވާއިރު މި ހާދިސާއާ ގުޅިގެން މުޅި ކުޅުދުއްފުއްޓަށް ވަނީ ސިހުން ގެނުވާފައެވެ.

މިފަދަ ހަމަލާއެއް މެެދުވެރިވީ ސަބަބެއް ނޭންގޭ ކަމަށް އާއިލާ އިން ބުނެއެވެ. މައްސަލައާ ގުޅިގެން ރޭގެ ވަގުތެއްގައި މީހަކު ހައްޔަރު ކުރި ކަމަށް ވެއެވެ. ނަމަވެސް އެކަމާއި ގުޅޭގޮތުން މިވަގުތާ ހަމައަށް ފުލުހުން ވަކި އެއްޗެއް ނުބުނެއެވެ.