އެސްޓީއޯ

ސަރުކާރުގެ ގެރެންޓީއާއެކު ކާޑު އަގު ހެޔޮވެގެންދާނެ: އެސްޓީއޯ

ކާޑު އެތެރެ ކުރަނީ ތެޔޮ ގަންނަން ސަރުކާރުން ދިން ގެރެންޓީއެއްގެ ދަށުން ނެގި ފެސިލިޓީއަކުން ކަމަށާ މީގެ ސަބަބުން ކުރި އަށް އޮތްތަނުގައި ކާޑުގެ އަގު ހެޔޮ ވެގެންދާނެ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.

އެސްޓީއޯ އިން މިއަދު ބޭއްވި އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރެއް ވަނީ ކާޑު އެތެރެ ކުރަން ސަރުކާރުން އެއްވެސް ސޮވްރިން ގެރެންޓީއެއް ދީފައިވޭ ތޯ ސުވާލުކޮށްފަ އެވެ. ނަމަވެސް އެ ސުވާލަށް ސީދާ ޖަވާބެއް ނުދެއްވައި އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު ހުސެއިން ނިޒާމު ވިދާޅުވީ ކުރިން ރާއްޖެ އަށް ކާޑު ގެންނަނީ ސަޕްލައިއަރުންގެ އަތުން ދިގު މުއްދަތަށް ކްރެޑިޓަށް ކަމަށާ މިހެން ހެދުމުން ކާޑުގެ އަގު ބޮޑު ވެގެންދާ ކަމަށެވެ.

"މިހާރު މި ހެދި ގޮތަކީ ތެޔޮ ގަތުމަށް ސަރުކާރުގެ ގެރެންޓީ ލިބިގެން އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން [އައިޓީއެފްސީ] އިން އަޅުގަނޑުމެން ނަގާފަ އިންނާނެ ލޯނެއް. މި [ފެސިލިޓީ] ގެ ތެރެއިން ކާޑުގެ ބާވަތްތައް ގެންނަން މިހާރު މި ހަމަޖެއްސުނީ،" ނިޒާމް ވިދާޅުވި އެވެ. "އެހެންވީމަ ކުރިއަށް އޮތްތަނުގައި ރާއްޖެ އެތެރެކުރާ ކާޑު ހެޔޮ ވެގެންދާނެ."

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަަށް ބޭނުންވާ ކާބޯތަކެއްޗާއި ސިއްހީ ސާމާނު ހޯދުމަށް އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އިން އެސްޓީއޯ އަށް 15 މިލިއަން ޑޮލަރު (232 މިލިއަން ރުފިޔާ) ގެ ލޯނެއް ދީފިވަނީ މިދިޔަ އަހަރުގެ މައި މަހު އެވެ. އަދި އޭގެފަހުން ރާއްޖެ އަށް ބޭނުންވާ ބޭހާއި ކާޑު އެތެރެ ކުރަން ސަރުކާރުން އެސްޓީއޯ އަށް 25 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 385 މިލިއަން ރުފިޔާ) ގެ ގެރެންޓީއެއް ވަނީ ދީފަ އެވެ. މި ތަކެތި ގަންނަން އެސްޓީއޯ އިން ލޯން ނަގާފައިވަނީ ހޮންކޮންގް ޝަންހާއީ ބޭންކިން ކޯޕަރޭޝަން (އެޗްއެޗްބީސީ) ގެ މާލޭގެ ބްރާންޗުންނެވެ.