އެސްޓީއޯ

އެސްޓީއޯގެ ސާފު ފައިދާ އިތުރުވެ 110 މިލިއަން

ސަރުކާރުގެ މައި ކުންފުނި، އެސްޓީއޯ އަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު ސާފު ފައިދާ އިތުރުވެ 110 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ އެސްޓީއޯގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓް ދައްކާ ގޮތުން މި ކުއާޓަރުގައި 110 މިލިއަން ރުފިޔާ ލިބުނުއިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބިފައިވަނީ 109 މިލިއަން ރުފިޔާ އެވެ. މިއީ 1.3 ޕަސެންޓުގެ އިތުރު ވުމެކެވެ.

މި ކުއާޓަރުގައި އެސްޓީއޯއަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވެ އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައިވެސް އެ ކުންފުނީގެ އާމްދަނީގެ ޖުމްލަ އަދަދަކީ 2.1 ބިލިއަން ރުފިޔާގެ އެވެ. އަދި ޓެކްސްއަށް ކެނޑުމުގެ ކުރިން ލިބުނު އާމްދަނީ ދެވަނަ ކުއާޓަރުގައި 133 މިލިއަން ރުފިޔާގައި ހުރިއިރު ފުރަތަމަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރީގެ އާމްދަނީ ހުރީ 129 މިލިއަން ރުފިޔާގަ އެވެ.

އެސްޓީއޯގެ އާމްދަނީ ބެހިފައިވާ ގޮތް

  • ތެލުގެ އާމްދަނީ: ފުރަތަމަ ކުއާޓަރު 1.4 ބިލިއަން، ދެވަނަ ކުއާޓަރުގައި 1.4 ބިލިއަން
  • ތެޔޮނޫން ގޮތް ގޮތުން ލިބުނު: ފުރަތަމަ ކުއާޓަރު 706 މިލިއަން، ދެވަނަ ކުއާޓަރުގައި 770 މިލިއަން

އެސްޓީއޯގެ މާލީ ރިޕޯޓް ދައްކާ ގޮތުގައި ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ގްރޮސް ޕްރޮފިޓްގެ ގޮތުގައި ލިބުނީ 383 މިލިއަން ރުފިޔާ އެވެ. ނަމަވެސް ފުރަތަމަ ކުއާޓަރުގައި ގްރޮސް ޕްރޮފިޓްހުރީ 368 މިލިއަން ރުފިޔާގަ އެވެ.

އެ ކުންފުނިން ދެވަނަ ކުއާޓަރުގައި މާކެޓިންއަށް 75 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި އެޑްމިނިސްޓްރޭޓިވް ކޮސްޓަށް 180 މިލިއަން ހަރަދުކޮށްފައިވެ އެވެ.

އެސްޓީއޯއަށް ދެވަނަ ކުއާޓަރުގައި ހިއްސާއަކަށް ޖެހިފައިވަނީ 98ރ. އެވެ. ނަމަވެސް ހިއްސާއަކަށް ޖެހޭ އަދަދު ފުރަތަމަ ކުއާޓަރުގައި ހުރީ 96ރ. ގަ އވެެ.

އެސްޓީއޯގައި 6.7 ބިލިއަން ރުފިޔާގެ އެސެޓް

ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެސްޓީއޯގެ ޖުމްލަ އެސެޓަކީ 6.7 ބިލިއަން ރުފިޔާ އެވެ. އެ ކުންފުނިން ދެވަނަ ކުއާޓަރުގައި ސަބްސިޑަރީ ކުންފުނިތަކަށް 150 މިލިއަން ރުފިޔާ ވަނީ އިންވެސްޓްކޮށްފަ އެވެ.