މޯލްޑިވްސް ޕޮލިސް ސާވިސް

ގެއްލުނު މިސްބާހު ހުރީ ޕާކިސްތާނުގައި ރަހީނުކޮށްފައި

ގެއްލިގެން ހޯދަމުން ގެންދާ ހދ. ނޮޅިވަރަންފަރު، މޯނިންގްސަން، މިސްބާހު މުހައްމަދު 25، ހުރީ ޕާކިސްތާނުގައި ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.

މިސްބާހު ގެއްލިގެން އޭނާގެ އާއިލާއިން ފުލުހުންނަށް ހުށަހެޅުމުން އޭނާ ހޯދަން ފުލުހުން އިއުލާންކުރީ މި މަހުގެ 14 ވަނަ ދުވަހު އެވެ.

އެ މައްސަލައިގެ އިތުރު ތަފްސީލު ހިމަނާ ފުލުހުން މިރޭ ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ ނޮވެމްބަރު 11، 2020 ވަނަ ދުވަހުގެ ރޭ 22:13 ގައި ފްލައި ދުބާއީގެ EZ1570 ނަންބަރު ފްލައިޓުން ދުބާއީއަށް މިސްބާހް މުހައްމަދު ފުރާފައިވާކަން އިމިގްރޭޝަންގެ ރެކޯޑްތަކުން ދައްކާ ކަމަށާ އޭނާ ދުބާއީއަށް ގޮސްފައިވަނީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތައް ރާއްޖޭގައި ހިންގި، ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔުއާ އެކު ކަމަށެވެ. އިރުފާން ތަގިއްޔު ވަނީ ޑިސެމްބަރު 8، 2020 ވަނަ ދުވަހު "މަސްޖަރީ-2" ނަމަކަށް ކިޔާ ދޯނީގައި ކަންޑުމަގުން ރާއްޖެއަށް 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައެވެ.

އިރުފާން ތަގިއްޔު އާއި މިސްބާހް މުހައްމަދު ދުބާއީއަށް ފުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައިވަނީ އިރުފާން ތަގިއްޔު ދުއްވާ ކާރެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

މިސްބާހް މުހައްމަދު ޕާކިސްތާނަށް ގޮސްފައިވަނީ ރާއްޖެ އެތެރެކޮށްފައިވާ މަސްތުވާތަކެތީގެ ފައިސާގެ ކަންކަން ނިމެންދެން އިރުފާން ތަގިއްޔުއަށް މަސްތުވާތަކެތި ފޮނުވާފައިވާ ރާއްޖެއިން ބޭރުގެ މަސްތުވާތަކެތީގެ ނެޓްވޯކްގެ ބެލުމުގެ ދަށުގައި 'ގެރެންޓަރާ' އެއްގެ ގޮތުގައި ހުރުމަށް ކަމަށް ބެލެވެއެވެ.
މޯލްޑިވްސް ޕޮލިސް ސާވިސް | ޖޫން 2، 2021

އިރުފާން ތަގިއްޔު ވަނީ ނޮވެމްބަރު 22. 2020 ވަނަ ދުވަހު އެމިރޭޓްގެ EK656 ނަންބަރު ފްލައިޓުން އެނބުރި ރާއްޖެ އައިސްފައި ކަމަށާ ނަމަވެސް، އިރުފާން ތަގިއްޔުއާއެކު މިސްބާހް މުހައްމަދު އައިސްފައެއް ނުވާ ކަމަށެވެ. އަދި މިސްބާހް މުހައްމަދު ނޮވެމްބަރު 23، 2020 ވަނަ ދުވަހު ފްލައި ދުބާއީގެ FZ0343 ނަންބަރު ފްލައިޓުން ދުބާއީ އިން ޕާކިސްތާނަށް ފުރާފައިވާކަން ތަހުގީގުގައި ހޯދިފައިވާ މައުލޫމާތު ތަކުން އެނގޭ ކަމަށް ވަނީ ބުނެފައެވެ.

".. އެހެންކަމުން މިސްބާހް މުހައްމަދު ޕާކިސްތާނަށް ގޮސްފައިވަނީ ރާއްޖެ އެތެރެކޮށްފައިވާ މަސްތުވާތަކެތީގެ ފައިސާގެ ކަންކަން ނިމެންދެން އިރުފާން ތަގިއްޔުއަށް މަސްތުވާތަކެތި ފޮނުވާފައިވާ ރާއްޖެއިން ބޭރުގެ މަސްތުވާތަކެތީގެ ނެޓްވޯކްގެ ބެލުމުގެ ދަށުގައި 'ގެރެންޓަރާ' އެއްގެ ގޮތުގައި ހުރުމަށް ކަމަށް ބެލެވޭ،"

އިރުފާން ތަގިއްޔުގެ މައްޗަށް ތުހުމަތުކުރެވޭ މަސްތުވާތަކެތި އެތެރެ ކުރުމުގެ މައްސަލައިގެ ތަހުގީގު ނިންމައި ފެބްރިއަރީ ތިން ވަނަ ދުވަހު ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވާ ފެބްރުއަރީ 14 ގައި ވަނީ ދައުވާ އުފުލާފައެވެ. މި މައްސަލާގައި އިރުފާން ތަގިއްޔުއާއެކު ޖުމުލަ 10 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ.

ފުލުހުން ބުނީ މިސްބާހް މުހައްމަދު ފުރާފައިވާ ތާރީހަކީ ނޮވެމްބަރު 19، 2020 ކަމަށް މީގެ ކުރިން ބުނެފައިވަނީ އޭރު ލިބުނު މައުލޫމާތުގެ ކުށަކުން ކަމަށެވެ.