ރަނގަޅަ ކުޅެ މޮޅުވާން ފުރުސަތު ހޯދި ނަމަވެސް ވޯލްޑް ކަޕް ކޮލިފައިންގައި ހޮންކޮން އަތުން ރާއްޖެ މިއަދު 1-0އިން ބަލިވެއްޖެ އެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މެޗުގައި ރާއްޖެ ކޮޅަށް މެޗުގެ ހަމައެކަނި ލަނޑު ޖެހީ ފުރަތަމަ ހާފުގެ 13 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން ޕައުލޯ ކަރެއިރޯ އެވެ. މި ޕެނަލްޓީ ލިބުނީ ޕެނަލްޓީ އޭރިޔާ ތެރެއިން ރާއްޖޭގެ ކީޕަރު މުހައްމަދު އިމްރާނު ކަރެއިރޯ އަށް ފައުލް ކުރުމުންނެވެ.
ގިނަ އަދަދަށް ޒުވާން ކުޅުންތެރިންނަށް ފުރުސަތު ލިބުނު މެޗުގައި ރާއްޖެއިން މެޗުގެ ފުރަތަމަ 10 މިނިޓްގައި ރަނގަޅު ތިން ހަމަލާ އުފެއްދި އެވެ.
މެޗުގެ ނުވަ ވަނަ މިނިޓްގައި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބުދުﷲ ފޮނުވާލި ބާރުބޯޅަ ގޯލަށް ނުވަނީ ގޯލު ރޮނގުމަތީގައި ހުރި ޑިފެންޑަރުގެ ބޮލުގައ ޖެހިފަ އެވެ. އޭގެ ފަހުން އަހުމަދު ނާޝިދު (ނާއްޓޭ) ވަރަށް ހުސްކޮށް ކުރިއަރައި ގޯލަށް ފޮނުވާލި ދެ ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ. އަދި އޭރިޔާގެ ބޭރުގެ ދަގަނޑޭ ފޮނުވާލި ބޯޅަ މަތަވީ ކުރިމަތީގައިހުރި ޑިފެންޑަރުގެ ބުރަކަށީގައި ޖެހިފަ އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ހޮންކޮންގެ ކޯޗު ކިމްޕަންގޮން ބުނީ މޫސުމާއި ދަނޑުގެ ވިނަގަނޑުގެ ސަބަބުން އޭނާގެ ޓީމަށް އުނދަގޫވި ކަމަށެވެ. އަދި މިއީ ގައުމުން ބޭރުގައި އެމީހުން ކުޅުނު މެޗަކަށްވާއިރު އޭނާ ބޭނުންވި ގޮތަށް ކުޅުންތެރިން މަސައްކަތްކުރި ކަމަށާއި ނަތީޖާއާ މެދު ހިތްހަމަޖެހޭ ކަމަށެވެ.
"އަހަރުމެންނަށް އެނގޭ ރާއްޖޭގެ ކުޅުންތެރިން ހަލުވިކަން. ނަންބަރު 14 (ނާއްޓޭ) އަކީ ވަރަށް ހުނަރުވެރި ކުޅުންތެރިއެއް. ނަންބަރު ހަތެއް (ދަގަނޑޭ) އަކީ ތަޖުރިބާކާރު ކުޅުންތެރިއެއް. އެމީހުން ނުރައްކާކުރި. އެކަމަކު އެންމެ ފަހުން އަހަރުމެން އަތުގައި މެޗުގެ ކޮންޓްރޯލް އޮތީ. އަހަރުމެންނަށް ފުރުސަތު ލިބުނު ލަނޑު ޖަހަން ވެސް،" ކޯޗު ބުންޏެވެ.
ރާއްޖޭގެ ކޯޗު ނިއުޒީލޭންޑްގެ ރިކީހާބަޓް ބުނީ ބަލިވި ނަމަވެސް ކުޅުމާމެދު އޭނާ ހިތްހަމަޖެހޭ ކަމަށާއި ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީގެން މެޗު ކުޅުވީ ކުރިމަގަށް ވިސްނާފައި ކަމަށެވެ.
މި މޮޅާއެކު ހޮންކޮން އޮތީ 13 ޕޮއިންޓާއެކު ގްރޫޕުގެ ދެ ވަނާގަ އެވެ. އެއްވަނާގައިވަނީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓާއެކު ގަތަރެވެ. ގްރޫޕުގެ ތިން ވަނާގައިވަނީ 10 ޕޮއިންޓާއެކު ޗައިނާ އެވެ. އެ ގައުމު މިއަދު މޮޅުވީ ގްރޫޕުގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތް ބޫޓާން އަތުން 12-0އިންނެވެ. ރާއްޖެ އަށް ލިބިފައިވަނީ ބޫޓާން ބަލިކޮށްގެން ލިބިފައިވާ ތިން ޕޮއިންޓެވެ.