އަލީ އަޝްފާގު (ދަގަނޑޭ)

ދެ ވަނަ ދަގަނޑޭ ހޯދަންޖެހޭ: ގައުމީ ކޯޗު

ޒުވާން ކުޅުންތެރިން ލައްވައި ކުޅުވަން އޭނާ ޖެހިލުން ނުވާ ކަމަށާއި ރާއްޖެއިން މިހާރު ދެވަނަ ދަގަނޑޭ ހޯދަން ޖެހިފައިވާ ކަމަށް ގައުމީ ކޯޗު ރިކީ ހާބަޓް ބުނެފި އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި މިއަދު ހޮންކޮން އަތުން 1-0އިން ބަލިވި މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ގައުމީ ކޯޗު ބުނީ ގިނަ އަދަދަކަސް ޒުވާން ކުޅުންތެރިންނަށް އޭނާ ފުރުސަތު ދިނީ ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ވެސް ވިސްނާފައި ކަމަށެވެ.

"އަހަރެން ބޭނުންވަނީ ވާދަވެރިކަން އުފައްދަން. ވަރަށް ޒުވާން ކުޅުންތެރިން މިއަދު އަރައި ޕާފޯމް ކޮށްލީ. އަހަރެން ހިތްހަމަޖެހޭ،" ކޯޗު ބުންޏެވެ.

މި މެޗުގައި ކޯޗު ވަނީ އެންމެ ފަހު 15 މިނިޓަށްވުމުން ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާއި ވައިސް ކެޕްޓަން މުހައްމަދު އާރިފް (ބަކާ) ބަދަލުކޮށްފަ އެވެ.

"އަހަރެން ހިތްހަމަޖެހޭ އަޝްފާގްގެ ކުޅުމާމެދު. އެކަމަކު ޒުވާން ކުޅުންތެރިންނަށް ފުރުސަތުދޭންޖެހޭ. ކުޅުންތެރިންގެ މެދުގައި ވާދަވެރިކަން އުފައްދަން ޖެހޭ. ދެ ވަނަ އަޝްފާގްއަކީ ކޮބާކަން ދެނެގަންނަންޖެހޭ. އަހަރެން ބޭނުންވޭ އެމީހުން ޓްރޭންކޮށްފައި ކޮންސިސްޓެންޓްކޮށް ކުޅޭތަން ބަލަން. އަޝްފާގް ނެތް ދުވަހަށް ވެސް ތައްޔާރުވާންޖެހޭ،" ނިއުޒީލޭންޑަށް 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ކޯޗުކޮށްދިން ހާބަޓް ބުންޏެވެ.

މެލޭޝިޔާގެ ޕީޑީއާރުއެމްއަށް ކުޅެމުން އަންނަ ދަގަނޑޭ އަކީ މިހާރު އުމުރުން 30 އަހަރުގެ ކުޅުންތެރިއެކެވެ. ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އެތައް ފަހަރަކު ހޯދާފައިވާ ކުޅުންތެރިޔާ އަކ މިހާތަނަށް ރާއްޖެ ދެކެފައިވާ އެންމެ މޮޅު ކުޅުންތެރިޔާ އެވެ.