މޯލްޑިވްސް ޕޮލިސް ސާވިސް

މީހަކު ޒަހަމްކޮށްލުން: ތިންވަނަ މީހަކު ހައްޔަރުކޮށްފި

ހދ. ކުޅުދުއްފުށީގައި މީހަކު ރަހީނުކޮށް ބޮޑެތި އަނިޔާތަކެއް ދީ ޒަހަމްކޮށްލި މައްސަލައިގައި ތުހުމަތަށް އިތުރު މީހަކު ހައްޔަރުކޮށްފި އެވެ. މިއީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިންވަނަ މީހާ އެވެ.

ފުލުހުން ބުނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ ހދ. ކުޅުދުއްފުށީގައި ހިނގި ހާދިސާއާ ގުޅިގެން އިތުރު މީހަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ. ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭގެ ކުރިން 24 އަހަރާއި 25 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރު ކޮށްފައި ވަނީ ހޯމަ ދުވަހުގެ ރޭގަ އެވެ. އެ މީހުންގެ ބަންދަށް 15 ދުވަސްވެސް ވަނީ ޖަހާފައެވެ.

ޒަހަމްކޮށްލި މީހާ އެރުވި ކަމަށް ބެލެވޭ ކާރު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.

ޒަހަމް ކޮށްލައިފައި ވަނީ އުމުރުން 29 އަހަރުގެ ހަސަން އިބްރާހިމެވެ. އެ މާރާމާރީގައި މޫނު ނިވާ ކޮށްގެން ތިބި ބަޔަކު ވަނީ ހަސަން ހިފަހައްޓައި ކާރަކަށް އަރުވައިގެން ގެންގޮސް ބޮޑެތި އަނިޔާތަކެއް ދީފަ އެވެ. އަވަސް އަށް އެނގިފައިވާ ގޮތުގައި ހަސަން ޒަހަމްކޮށްލީ ވައްކަމުގެ ތުހުމަތުތަކަކާ ގުޅިގެން ނެވެ.

މާރާމާރީގައި ހަސަންގެ ސިކުނޑިއަށް ލޭ އެޅިފައިވާއިރު އޭނާގެ ބޮލުގެ ބޮޑު އޮޕަރޭޝަނެއް އޭޑީކޭގައި ވަނީ ކޮށްފަ އެވެ. އޭނާގެ ހާލު އަދިވެސް ސީރިއަސް އެވެ.