ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް ޓޫރިޒަމް

މިދިޔަ މަހު ކޮވިޑު ޖެހުނު ޓޫރިސްޓުން މަދު: މިނިސްޓަރު

ރާއްޖޭގައި ކޮވިޑް ބަލި ޖެހޭ މީހުންގެ ނަމްބަރު މަތިވި ނަމަވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވާ ޓޫރިސްޓުން މަދު ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ. އެހެން ނަމަވެސް ކޮން މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ވިދާޅުވި ވާހަކަފުޅެއް ކަމެއް ސާފެއް ނުވެއެވެ.

ވިދާޅުވެވޭ ގިނަ ވާހަތަކުން ފަހަކަށް އައިސް އަބަދު ހޫނުފެނަށް ވެއްޓޭ ޓޫރިޒަމް މިނިސްޓަރު "ސަންގު ޓީވީ" ގައި ވިދާޅުވީ މިހާރު އެންމެ މުހިންމު އެއްޗަކީ ކޮވިޑުގެ ނަމްބަރު ކަމަށެވެ. އެ ނަމްބަރުތައް ދަށް ކުރުން ވަރަށް މުހިންމު ކަމަށާއި އެކަމަކު ބޭރަށް ގެންދަންވީ މެސެޖުތަކެއް ކަމަށެވެ.

"އަހަރު ފެށިގެން އައިއިރު ވެސް ޕޮޒިޓިވްވާ ޓޫރިސްޓުންގެ ނަމްބަރުތައް ދާދި އެއްވަރެއްގައި ހިފަހައްޓާލެވޭ. މި އަހަރުގެ ޖަނަވަރީ، ފެބްރުއަރީ ގައި މަތިވި ނަމަވެސް މާޗު މަދު ދަށުގައި ހުރީ. މިދިޔަ މަހު ވެސް،" މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ބޮޑަށް ބޭރަށް ދޭން ބޭނުން ވަނީ އެޗްޕީއޭ އިން ދޭ ނަމްބަރުތަކަށް ވުރެ ޓޫރިސްޓުންދޭ މެސެޖުތައް ކަމަށެވެ.

"އެ މީހުންގެ މެސެޖުތައް ދުނިޔެއަށް ވަރަށް އަޑުގަދަ ވަރަށް ބާރު، އަވަަހަށް އަވަހަށް ފެތުރިގެން ދޭ. އެ މެސެޖުތައް ދުނިޔެއަށް ދެމުން އެ ގެންދަނީ އޭގައި ހަމަ ދުވަހެއް ދުވަހަކަށް ސަލާމަތީ ގޮތުން އެންމެ ސަލާމަތާ ރައްކާތެރިކަން ބޮޑު މަންޒިލުގެ މެސެޖު ދެމުން މި ގެންދަނީ،" މައުސޫމް ވިދާޅުވި އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވާ ޓޫރިސްޓުންގެ އަދަދު މަދު ނަމަވެސް އާއްމުންގެ ތެރޭގައި މި ބަލި ފެތުރޭ ނިސްބަތް މި މަހު ވެސް މައްޗެވެ. އެހެންވެ ވަކި ގަޑިތަކެއްގައި ބޭރުގައި އުޅުން ހުއްޓުވައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އަޅާފަ އެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖޭން މި ބަލި ޖެހިފައިވަނީ ރާއްޖެއިން އިތުރު 590 މީހަކަށެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 389 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މި ވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 20،014 މީހުންނެވެ. މިހާތަނަށް 47،333 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 191 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.