އަހުމަދު ހައިތަމް

ބިރުދައްކަނީ ކުރީގެ އަންބަކު: ހައިތަމް

Jun 6, 2021
13

މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމާއި އޭނާގެ މިހާރުގެ އަނބިކަނބަލުން ޝަޖާން މުއާޒަށް ބިރު ދައްކާ އިންޒާރު ދެނީ އޭނާގެ ކުރީގެ އަންބަކު އިސްވެ ކަމަށް ހައިތަމް ވިދާޅުވެއްޖެ އެވެ.

ހައިތަމާއި އޭނާގެ މިހާރުގެ އަނބިކަނބަލުންނާ ދިމާކޮށް އިންޒާރުތައް ދެނީ އޭނާގެ ކުރިން ކައިވެނި ބައްލަވައިގަތް ބޭފުޅުންގެ ތެރެއިން ކާކު ކަމެއް ވިދާޅެއް ނުވެއެވެ. ހައިތަމް ކުރިން ތިން ކައިވެންޏެއް ކުރެއްވި އެވެ. މިހާރުގެ ކައިވެންޏަކީ ހައިތަމްގެ ހަތަރު ވަނަ އެވެ.

އަވަސްއަށް މިއަދު މައުލޫމާތު ދެއްވަމުން ހައިތަމް ވިދާޅުވީ ކުރިން ވެސް އޭނާ މަގުމަތިން ފެނުމުން އިންޒާރުތައް ދޭ ކަމަށާއި ބައެއް މައްސަލަތައް ކުރިން ފުލުހުންނަށް ވެސް ހުށަހަޅާފައިވާނެ ކަމަށެވެ.

މަގުމަތިން ބަޔަކު ދިމާކޮށް އިންޒާރުދީ ހަޑިހުތުރު ބަސްތަކުން އަޑުގަދަކުރުމުގެ ސަބަބުން ޝަޖާންއަށް ޝޮކެއް ޖެހި ރޭ ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ވެސް ދީފަ އެވެ. ޝަޖާން އިންނެވީ އެއްމާބަނޑު ދެ ކުދިންނަށް އާލާސްވެ އެވެ. އަނބިކަނބަލުންނާއި ލިބެން އުޅޭ ކުދިންގެ ހާލު މިހާރު ރަނގަޅު ކަމަށް ވެސް ހައިތަމް ވަނީ ވިދާޅުވެފަ އެވެ.

"ކުރިން ވެސް [އޭނާ] މަގުމަތިން ފެނުމުން ދިމާ ކޮށްލާ، އެކަމަކު ކުރިއަކުން މާބޮޑަކަށް އަޅައެއް ނުލަން. [އަޅުގަނޑުގެ] މައްސަލައެއް އޮވެގެންނެއް ނޫން ދިމާކޮށް އިންޒާރުތައް ދެނީއަކީ،" ހައިތަމް ވިދާޅުވި އެވެ.

ހައިތަމް ވިދާޅުވީ މަގުމަތިން ދިމާކޮށްލި ގޮތަށް ގެއަށް ވަދެ ލިފްޓް ތެރޭގައި ވެސް އަޑުގަދަކޮށް ހުތުރު ބަސްތަކުން އެއްޗެހި ކިޔާ ހަދާފައިވާ ކަމަށެވެ. އޭނާއާ ދިމާކުރާ މީހުންގެ މައުލޫމާތު ފުލުހުންނާ މިހާރު ހިއްސާ ކޮށްފައިވާނެ ކަމުގައި ވެސް ވިދާޅުވި އެވެ.

ހައިތަމަށް އިންޒާރުދީ ބިރު ދެއްކި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.