ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާއި ގުޅޭ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރަމުން ދަނީ ތަހުގީގަށް ހުރަސް ނޭޅޭނެހެން އަދި ތަހުގީގުގައި ކުރިއަށް ކުރަން ހުރި މަސައްކަތްތަކަށް ދަތިނުވާނެ ގޮތަށް ބަލާފައި ކަމަށް ފުލުހުން ބުނެފި އެވެ.
ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ވަނީ އެތައް ސުވާލެއް ފުލުހުންނާ ކުރިމަތިކުރުވާފަ އެވެ. ގިނަ ސުވާލުތަކުގެ ޖަވާބު ދޭން އުޒުރުވެރި ވަނީ ތަހުގީގުގައި ކުރިއަށް ކުރަން ހުރި މަސަައްކަތްތަކަށް ހުރަސް އެޅިދާނެތީ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ މައްސަލައިގެ ތަހުގީގަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި ހަމަލާއަށް ބަޔަކު ފަންޑުކޮށްފައިވާނަމަ އެބަޔަކު ހޯދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ތަހުގީގު ކުރިއަށް ގެންދަނީ ހަމަލާ ދިނުމުގައި ބަޔަކު މާލީ ގޮތުން އެހީތެރިވެފައިވޭތޯ ބަލައި އެކަން ވެސް ދެނެގަތުމަށް ކަމަށާއި މިކަމުގައި އެމެރިކާގެ ތަޖުރިބާކާރެއްގެ ލަފަޔާއި އެހީ ހޯދަމުން އަންނަ ކަމަށް ވަނީ ހާމަކޮށްފަ އެވެ.
ނަމަވެސް ބަޔަކު ފަންޑު ކުރިތޯ އަދި ހަމަލާގެ މޯޓިވްއަކީ ކޮބައިކަން ހާމަކުރަން އުޒުރުވެރިވާ ކަމަށް ވިދާޅުވި އެވެ. ބަޝީދު ވިދާޅުވީ މި މައްސަލައިގެ މޯޓިވް ނުވަތަ މޯޓިވްތަކަކީ ކޮބައިކަން މުޅިން ނޭންގޭ ކަމަށް ނުދަންނަވާ ކަމަށާއި ނަމަވެސް ތަހުގީގު މި ސްޓޭޖުގައި އެ މައުލޫމާތުތައް ހިއްސާ ކުރައްވަން ދަތި ކަމަށެވެ.
އިތުރަށް ދެން ވިދާޅުވެފައި ވަނީ ބޮން ގޮއްވާލި މައްސަލައިގައި ސީސީޓީވީ ފުޓޭޖް އަދި ބަލާ ފާސް ކުރި ތަންތަނުން އަތުލައިގަތް ތަކެތިން ވަރުގަދަ ފޮރެންސިކް ހެކިތަކެއް ހޯދިފައިވާ ކަމަށެވެ. މިއީ މައްސަލައިގެ އެންމެ ފުނަށް ވާސިލުވުމަށް މުހިންމު ހެކިތަކެއް ނަމަވެސް އެހެކިތަކުގެ ތަފްސީލުތައް ދެވެން ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
"...މައުލޫމާތު ހިއްސާނުކުރުމަކީ މުޅިން ނޭންގުން ކަމަކަށް ނުދެކެން، މިވަގުތަކީ އެފަދަ މައުލޫމާތުތައް ހިއްސާކުރަން އެންމެ ރަގަޅު ވަގުތު ކަމަކަށް ނުފެނޭ. އަޅުގަނޑުމެންގެ ތަހުގީގަށް ހުރަސް ނޭޅޭ ގޮތަށް މައުލޫމާތު ހިއްސާކުރަމުން މިދަނީ ކުރިމަގަށް އެއްވެސް ހުރަހެއް ނޭޅޭނެހެން ކަމާ ގުޅުން ހުރި ފަރާތްތަކާ ވެސް މަޝްވަރާކޮށްފައި." ބަޝީރު ވިދާޅުވި އެވެ.
މައްސަލައިގައި މިހާތަނަށް ފަސް މީހަކު ހައްޔަރުކޮށްފައިވާއިރު ތަހުގީގަށް އެމީހުން އެއްބާރުލުހުން ދޭ މިންވަރު ވެސް މިވަގުތު ހާމަކުރެވެން ނެތް ކަމަށް ވަނީ ވިދާޅުވެފަ އެވެ. މި މައްސަލައިގައި ހައްޔަރިކޮށްފައި ތިބި ހުރިހާ އެންމެންނަކީ ވެސް ހަރުކަށި ފިކުރުގެ މީހުން ނުވަތަ އެފިކުރަށް ތާއީދު ކުރާ މީހުން ކަމުގެ ޔަގީންކަން މިވަގުތަށް ދެވެން އޮތް ކަމަށް ބަޝީދު ވިދާޅުވި އެވެ.
މި މައްސަލައިގައި ފަސް ވަނަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މިއަދު ފުލުހުން ހާމަކުރި ނަމަވެސް އެމީހާގެ މައުލޫމާތު ހިއްސާކޮށްފައެއް ނުވެ އެވެ.
ބޮމުގެ ހަމަލާ އާއި ގުޅިގެން ފުލުހުން މީގެ ކުރިން ހައްޔަރުކޮށްފައިވާ ހަތަރު މީހުންނަކީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ)އާއި، މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ)ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް (23 އ) އެވެ. ހަމަލާގެ އިސް މީހަކީ އަދުހަމް ކަމަށް ފުލުހުން ބުނެ އެވެ.