ރައްޔިތުންގެ މަޖިލިސް

ބޮޑީ ވޯން ކެމެރާ މިއަހަރު ބޭނުންކުރަން ފެށޭތޯ ބަލަނީ

ފުލުހުން ސީންތަކަށް ދާއިރު ގައިގައި ހަރު ކޮށްގެން ބޭނުން ކުރާ ބޮޑީ ކެމް ނުވަތަ "ބޮޑީ ވޯން ކެމެރާ" ބޭނުން ކުރަން މިއަހަރު ފެށޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމު ލިޔުމުން ޖަވާބު ހޯއްދަވަން ބޭނުންވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބެއްގަ އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ވަނީ މިނިސްޓަރު ދެއްވި ޖަވާބު އިއްވާފަ އެވެ.

މީކާއީލްގެ ސުވާލުގައި ވަނީ މުޒާހަރާތަކާއި އެކިއެކި އެއްވުންތައް ރޫޅާލުމުގައި ދިވެހި ފުލުހުން ހަރަކާތްތެރިވާއިރު ބޮޑީ ކެމެރާ ބޭނުން ނުކުރަނީ ކީއްވެގެންތޯ އައްސަވާފަ އެވެ.

އިމްރާން ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތުގައި ބޮޑީ ކެމް ބޭނުންކުރަން ފަށަން ޕޮލިސީ ލެވެލްގައި ކުރިންވެސް އޮތީ ނިންމާފައި ކަމަށެވެ. ނަމަވެސް ކޮރޯނާ ވައިރަސްގެ ބަލިމަޑުކަމާ ގުޅިގެން އެކަމަށް ކުރަން ޖެހޭ ހަރަދު މިދިޔަ އަހަރުގެ ބަޖެޓުން ނުކުރެވުނު ކަމަށެވެ.

ކެމެރާ ހޯދަން މިދިޔަ އަހަރު ހަރަދު ނުކުރި ނަމަވެސް އެ ތަކެތި ހޯދަން މިއަހަރު ބަޖެޓުގައި އޮތީ ހިމަނާފަ އެވެ.

"އަދި 1400 ކެމެރާ ހޯދުމަށްޓަކައި ޕައިލެޓް ޕްރޮގްރާމެއް ހިންގައި ރިލައިބިލިޓީއަށް ބަލައި އެމެރިކާގެ އެކްސް އޯން ކެމެރާ ސިންގަލް ސޯސްކޮށް ހޯދުމަށްޓަކައި ޓެންޑާ ބޯޑަށް ހުށަހެޅުމުން އެގޮތަށް އެކަންކުރަން ނުފެންނަ ކަމަށް ޓެންޑަ ބޯޑުން ވަނީ މެއި 5، 2021 ވަނަ ދުވަހު ނިންމަވައިފަ އެވެ" އިމްރާން ލިޔުމުން ދެއްވި ޖަވާބުގައިވެ އެވެ.

ޕްލޭނާ އެއްގޮތަށް ކެމެރާތައް ހޯދުމުގައި ދަތިތަކެއް ކުރިމަތި ވިޔަސް އެތަކެތި ހޯދައި މިއަހަރުގެ ތެރޭގައި ކެމެރާތައް ބޭނުންކުރަން ފެށުމަކީ ހޯމް މިނިސްޓްރީއާއި ފުލުހުންގެ މުއައްސަސާގެ އަމާޒެއް ކަަން އިމްރާން ފާހަގަކުރައްވާފައި ވެއެވެ.

އަޖުމަ ބެލުމުގެ ގޮތުން ބޮޑީ ކެމަރާތަކެއް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ބޭނުން ކުރި އެވެ. ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އޭރު ވިދާޅުވީ އެ ޓެކްނޮލޮޖީ ޓެސްޓްކޮށް ނަތީޖާއަށް ބެލުމަށްފަހު އެ ކެމެރާ ބޭނުން ކުރުން ފުޅާކުރާނެ ކަމަށެވެ.