މާފުށީ ޖަލު

ޖަލުތަކުގައި ހަމަނުޖެހުމެއް ނުހިނގާ: އިދާރާތައް

Jun 12, 2021

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ޖަލުގައި ކުރިއަށް ގެންދާ އޮޕަރޭޝަންގައި ސަލާމަތީ ބާރުތަކާއި ގައިދީންނާ ދެމެދު އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވާ ކަމަށް ފުލުހުންގެ އިދާރާއިންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

ފުލުހުންނާއި ކަރެކްޝަންސް އޮފިސަރުން މިހެން ބުނެފައި މިވަނީ ޖަލުގައި މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަންގައި ގައިދީންނާއި ސަލާމަތީ ބާރުތަކާ ދެމެދު ހަމަނުޖެހުން ހިނގާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފޮޓޯތަކެއް ދައުރުކުރަމުންދާތީ އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޖަލުގައި ހިނގަމުންދާ އޮޕަރޭޝަންގައި އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ކަމަށެވެ. އަދި މިއޮޕަރޭޝަންގައި ފުލުހުން ޓީޒަ ގަން ބޭނުންކުރާ ކަމަށް ބުނާ ވާހަކަތައް ވެސް ފުލުހުން ވަނީ ދޮގުކޮށްފަ އެވެ.

ކަރެކްޝަންސްގެ އޮފިސަރު ވިދާޅުވީ ޖަލުގައި ހަމަނުޖެހުން ހިނގާ ކަމަށް ބުނެ ދައުުރުކުރަމުންދާ ފޮޓޯ އަކީ މިއަދުގެ ފޮޓޯއެއް ނޫން ކަމަށެވެ.

މާލެ ޖަލާއި މާފުށި ޖަލުގައި ކުރިއަށްދާ އޮޕަރޭޝަންގެ ތަފްސީލް މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށްވެސް އިދާރާތަކުން ވަނީ ބުނެފަ އެވެ.

މެއި ހައެއްގެ ހަމަލާއާއި ގުޅިގެން ހަރުކަށި ފިކުރުގެ މީހުން ހޯދުމަށް ހިންގާ އޮޕަރޭޝަން ޖަލުގައި ފެށީ މިއަދު ފަތިހު 5:00 ޖަހާއެހާއިރު އެވެ.

މިއޮޕަރޭޝަންގައި ވަރަށް ގިނަ އަދަދަކަށް ފުލުހުން ބައިވެރިވާއިރު ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދު ވެސް ހުންނެވީ އޮޕަރޭޝަން ކުރިއަށްދާ ގޮތް ބެއްލެވުމަށް ޖަލުގަ އެވެ.

ޖަލުތަކުގައި ހަރުކަށި ފިކުރުގެ މީހުންނާއި އެ ފިކުރު ފުޅާ ދާއިރާއެއްގައި ފަތުރާ މީހުން އުޅޭ ކަމަށް ބުނެ އަބަދުވެސް ވާހަކަތައް ދެކެވެ އެވެ.