އުރީދޫ ދިވެހި ޕްރެމިއާ ލީގުގެ ކުޅުން ވިކްޓަރީ އާއި މާޒިޔާގެ މެޗުން މާދަމާ ހަވީރު ފަށަން ނިންމައިފި އެވެ.
މި ދެ ޓީމު މާދަމާ ހަވީރު ކުޅޭއިރު މާދަމާ ރޭ ކުޅެނީ އީގަލްސް އާއި ބީޖީ އެވެ. މި ދެ މެޗަކީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާ ގުޅިގެން ފަސް ކޮށްފައިވާ ދެ މެޗެވެ.
މި ދެ މެޗު ނިމުމުމާއެކު ލީގުގައި ކޮންމެ ޓީމަކަށް ވެސް ބާކީ ދެން އޮންނާނީ ހަތަރު މެޗެވެ.
މި ދެ މެޗަށް ފަހު ބުރާސްފަތި ދުވަހު ލީގުގައި ކުޅޭނީ ވެލެންސިއާ އާއި ޓީސީ އެވެ. އެރޭ ކުޅޭނީ ނިއުރޭޑިއަންޓް ބީޖީ އެވެ. ހުކުރު ދުވަހު ހަވީރު ކުޅޭނީ އީގަލްސް އާއި ވިކްޓަރީ އެވެ. އެރޭ މާޒިޔާ އާއި މަހިބަދޫ ވާދަކުރާނެ އެވެ.
ލީގު ނިންމަން މިހާރު ހަމަޖައްސާފައިވަނީ އަންނަ ޑިސެމްބަރު މަހު ނިއު އާއި ޓީސީ ވާދަކުރާ މެޗުންނެވެ.
ލީގުގައި މިވަގުތު އެއްވަނާގައިވަނީ 23 ޕޮއިންޓާއެކު ނިއު އެވެ. 21 ޕޮއިންޓާއެކު ޓީސީ ދެ ވަނާގައ އޮތްއިރު އީގަލްސް އާއި ވިކްޓަރީ އަށް ލިބިފައިވަނީ 13 ޕޮއިންޓެވެ. ނަމަވެސް ގޯލުގެ ތަފާތުން ތިން ވަނަ ލިބެނީ އީގަލްސް އަށެވެ. ފަސް ވަނާގައިވާ މާޒިޔާ އާއި ހަ ވަނާގައިވާ ވެލެންސިއާ އަށް ވެސް ލިބިފައިވަނީ 12 ޕޮއިންޓެވެ. ހަތް ވަނާގައިވާ ބީޖީ އަށް ލިބިފައިވަނީ 11 ޕޮއިންޓެވެ. އަދި މަހިބަދޫ ޓޭބަލުގެ ފުލުގައި އޮތީ އެންމެ ޕޮއިންޓަކާއެކުގަ އެވެ. ލީގު ނިމޭއިރު އެންމެ ފުލަށްދާ ޓީމު ރެލިގޭޓްވާނެ އެވެ. ހަތް ވަނަ ޓީމު ދެ ވަނަ ޑިވިޝަނުވެ ދެ ވަނަ ޓީމާއެކު ޕްލޭއޯފް ކުޅެން ޖެހޭނެ އެވެ.