މޯލްޑިވްސް ޕޮލިސް ސާވިސް

ހަމަލާގެ ބައިވެރިން ހަ ދުވަސް ކުރިން ކަނޑުމަތިން ހުއްޓުވި

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާ ދިން ރޭގެ ހަ ދުވަސް ކުރިން ހަމަލާގެ ބައެއް ބައިވެރިން ކަނޑުމަތިން ހުއްޓުވި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިހެން ބުނެފައިވަނީ ހަމަލާގެ އިސް މީހާ ކަމަށްވާ ވ. ތިނަދޫ ލަކީ، އަދުހަމް އަހްމަދު ރަޝީދާއި، ގއ. ކޮނޑޭ ފޮޅޭމާ، ތަހްމީން އަހްމަދު މެއި އެއްވަނަ ދުވަހު ދޫނިދޫ ފަޅުތެރޭގައި ލޯންޗެއްގައި ތިބި ކަމަށާއި އެމީހުން ފުލުހުންނާއި މުއާމަލާތް ކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯ އަކާއި ގުޅިގެންނެވެ.

ދެކެވޭ ބައެއް ވާހަކަތައް ދޮގުކުރަމުން ފުލުހުން ބުނީ މިދިޔަ މަހުގެ އެއްވަނަ ދުވަހު އެ ލޯންޗް ކަނޑުމަތިން ހުއްޓުވާފައިވަނީ ހުޅުމާލެ ފަޅުތެރެއިން ކަމަށެވެ. އެމީހުން ހުއްޓުވީ މެރިން ޕޮލިސްގެ އާންމު ޕެޓްރޯލްގެ ތެރެއިން ނެވިގޭޝަން ލައިޓްގައި މައްސަލައެއް ހުރިކަމަށް ފާހަގަކުރެވިގެން ކަމަށްވެސް ފުލުހުން ބުނެ އެވެ.

ލޯންޗުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ނަސޭހަތްތެރިވުމަށްފަހު އެމީހުން އެދުވަހު ދޫކޮށްލި ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާ އާއި ގުޅިގެން ފުލުހުން މިހާރު ހިންގާ އިންވެސްޓިގޭޝަނަށް މި މައުލޫމާތު ހިއްސާކޮށްފައި ވާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެ އެވެ. އެކަމާ ގުޅިގެން ތަހުގީގުން ބަލަންޖެހޭ ކަންކަން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް ވަނީ އަޅާފަ އެވެ.

ބޮމުގެ ހަމަލާ އާއި ގުޅިގެން ފުލުހުން އެންމެ ފުރަތަމަ ހައްޔަރުކުރި ތިން މީހުންގެ ތެރޭގައި އަދުހަމާއި ތަހުމީނު ހިމެނެ އެވެ. ތިންވަނަ މީހަކީ މއ. ފޭރުގެ މުޖާޒް އަހްމަދު އެވެ. މިހަމަލާގެ ތުހުމަތުގައި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ހަމަލާ އާއި ގުޅިގެން ފަސްވަނަ މީހަކު ހައްޔަރުކުރި ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް އެމީހާގެ މައުލޫމާތު އަދި ހާމަކޮށްފައެއް ނުވެ އެވެ.