މޫސާ ޒަމީރު

"އެމްއެމްޕީއާރްސީން ގެއްލުނު ފައިސާ ފަސޭހައިން ހޯދޭނެ"

އެމްއެމްޕީއާރްސީގެ ތެރެއިންވި ބޮޑު ހިޔާނާތުގައި ދައުލަތަށް ގެއްލިގެންދިޔަ ގިނަ އަދަދެއްގެ ފައިސާއަކީ އެއްކޮށް ގެއްލިގެންދިޔަ ފައިސާއެއްގެ ގޮތުގައި ދެކެވަޑައި ނުގަންނަވާ ކަމަށާ، އެފައިސާ ސަރުކާރަށް އަނބުރާ ލިބޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

އަންނަ 2016 ވަނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓް ދިރާސާކުރުމަށް މަޖިލީހުގައި މިހާރު ކުރިއަށްދާ ބަޖެޓް ކޮމިޓީ ބައްދަލު ވުމުގައި މިއަދު ވާހަކަފުޅު ދައްކަވަމުން ޒަމީރު ވިދާޅުވީ، އެމްއެމްޕީއާރްސީ މައްސަލައަކީ ތިން އިދާރާއަކުން އަދިވެސް ތަހުގީގުކުރަމުންދާ މައްސަލައަކަށްށް ވާތީ ބައެއް ތަފްސީލުތައް މިނިސްޓްރީއަށް ވެސް ލިބިފައި ނުވާ ކަމަށާއި އެ ބޮޑު ހިޔާނާތާ ގުޅުންހުރި މީހުން ތިބީ ހައްޔަރުކޮށްފައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނާތްވުމުން ގެއްލިފައިވާކަން މިހާތަނަށް އެނގިފައިވާ ފައިސާއަކީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ސަރުކާރުން ވިއްކި 60 ރަށާއި ފަޅުތަކުގެ އާމްދަނީ އިން ސަރުކާރަށް ލިބެންޖެހޭ ފައިސާ ކަމަށާއި، އެ ފައިސާގެ ތެރެއިން ސަރުކާރަށް ނުލިބި ގެއްލިފައިވަނީ ރިކްއިސިޝަން ފީގެ ގޮތުގައި އެ ރަށްރަށާ ފަޅުތަކުގެ ފީ އިން ނަގާފައިވާ 20 ޕަސެންޓު ކަމަށެވެ.

ޒަމީރު ވިދާޅުވީ ފަޅުތަކާ ރަށްރަށުގެ އާމްދަނީގެ 80 ޕަސެންޓަކީ އަދިވެސް ސަރުކާރަށް ލިބޭނެ އާމްދަނީއަށް ވާތީ ގެއްލުނު 20 ޕަސެންޓް ދެފުށް ފެންނަ ގޮތަކަށް އެކަން ކުރަން އޮންނަ އުސޫލުގެ ތެރެއިން މަސައްކަތް ކޮށްގެން ފަސޭހަކަމާއެކު ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"ބާކީ 80 ޕަސެންޓް އުޅޭނެ. އެހެންވީމަ އެ 20 ޕަސެންޓަކީ އަޅުގަނޑުމެންނަށް ތަންކޮޅެއް ދެފުށް ފެންނަ ގޮތަކަށް ސިސްޓަމްގެ ތެރެއިން ރިކަވާ ކުރެވޭނެ ކޮސްޓެއް. ގެއްލުުނު ފައިސާއަކީ ގެއްލިގެންދާނެ އެއްޗެއްގެ ގޮތުގައި އަޅުގަނޑުމެން ނުބަލަން. އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން މިދަނީ،" ޒަމީރު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ މައްޗަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވޭއިރު އެ ކުންފުނީގެ މައްސަލަ ފުލުހުންގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަނާ، އޮޑިޓާ ޖެނަރަލްގެ އޮފީހުންވެސް ދަނީ ބަލަމުންނެވެ.