އަބްދުﷲ ޖިހާދު

އޮޑިޓް ރިޕޯޓްތަކުގެ ފައިސާ ހޯދުން ހީކުރި ވަރަށްވުރެ އުނދަގޫ: ޖިހާދު

އޮޑިޓް ރިޕޯޓްތަކުގައި ގިނަ އަދަދެއްގެ ފައިސާގެ މައްސަލަތައް ފާހަގަކޮށްފައި ހުރިނަމަވެސް އެފައިސާ އަނބުރާ ހޯދުމަކީ ހީކުރި ވަރަށް ވުރެ އުނދަގޫ ކަމެއް ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.

ބަޖެޓް ކޮމިޓީގައި މެންބަރަކު ކުރެއްވި ސްވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޖިހާދު ވިދާޅުވީ، އޮޑިޓް ރިޕޯޓުގައި ހުރި ބައެއް ކަހަލަ ކަންތައްތަކަކީ އިހުމާލުގެ ބާވަތް ކަނޑައަޅަންޖެހޭ މައްސަލަތައް ކަމަށެވެ. އޮޑިޓް ރިޕޯޓުގައި މައްސަލަތައް ރިޕޯޓުކޮށްފައި ހުންނަ އިރު މައްސަލައިގެ ސަބަބަކަށް ބުނެފައި އޮންނަނީ ފައިސާއާ ބެހޭ ގަވާއިދާ ހިލާފުވުން ކަމަށާއި، މީހެއްގެ އަތުން ފައިސާ ނަގަން ދައުވާ ކުރާއިރު، ސަބަބު އެއަށްވުރެ ތަފްސީލުވާން ޖެހޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އޮޑިޓް ރިޕޯޓުގައި ހުންނަ މައްސަލަތަކުގެ ސަބަބު ތަފްސީލު ކުރުމަކީ ހީކުރި ވަރަށްވުރެ ކުރަން އުނދަގޫ ކަމެކެވެ. ބައެއް މައްސަލަތަކަކީ އެ މައްސަލައިގެ ބާވަތުން ފައިސާ އަދާކުރަން ނުޖެހި އިދާރީ އަދަބެއް ދޭން ޖެހޭ މައްސަލަތައް ކަމަށް ވިދާޅުވި އެވެ.

"ހުރިހާ ރިޕޯޓެއް ވަކިން މި ކިޔަން ޖެހެނީ. ކިޔާފައި ކަނޑައަޅަނީ ކިހިނެއްތޯ އެކަން ގެންދާނީ. އެހެންވީމަ 2016 ވަނަ އަހަރު ތަންކޮޅެއް ބާރު ސްޕީޑެއްގައި އެކަން އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަށް މި ގަބޫލުކުރަނީ،" މިނިސްޓަރު ޖިހާދު ވިދާޅުވި އެވެ.

އެމަނކުފާނު ވިދާޅުވީ، މައްސަލަތައް ރިވިއު ކުރަން ވަރަށް ބޮޑު ކޮމިޓީއެއް ފިނޭންސް މިނިސްޓްރީން މިހާރު އެކުލަވާލާފައިވާ ކަމަށެވެ. އެހެންކަމުން އޮޑިޓް ރިޕޯޓުގައި ހިމަނާފައިވާ މައްސަލަތަކުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް އަންނަ އަހަރު ވަރަށް ބާރު ސްޕީޑެއްގައި ކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު މިވަނީ ބޮޑު ކޮމިޓީއެއް ނަގައި އެކަން ކުރަން ފަށާފަ. މިވާ ގޮތަކީ ފައިސާއަށް މީހާ އިހުމާލުވާ ގޮތް އަސްލު އޮންނަން އެބަ ޖެހޭ. މިސާލަކަށް ފައިސާއާ ބެހޭ ގަވާއިދުގެ ކޮން ގޮތަކަށް ކަން އޭނަ މިވަނީ ހިލާފުވެފަ. މިސާލަކަށް އެއް ކޯޑު އަނެއް ކޯޑަށް ބަދަލު ކުރީމަވެސް އެވަނީ އިހުމާލަކަށް. އެހެންވީމަ އެގޮތަށް ބުނާ މައްސަލަތަކަށް މި ދެބިލިއަން ރުފިޔާ އަރާފައި މިވަނީ. މާލިއްޔަތުގެ ގަވާއިދާ ހިލާފުވީމަ އެއީ ސީދާ ފައިސާ ނަގަންޖެހޭ ކަމަކަށް ވެސް ނުވެދާނެ. ބައެއް ކަންކަން ހުރެދާނެ އިދާރީ އަދަބު ދޭންޖެހޭ ކަންކަން ވެސް،" ޖިހާދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވާ ގޮތުގައި އޮޑިޓް ރިޕޯޓުގައި ހުރި ފައިސާގެ މައްސަލަތަކުން ދެ ބިލިއަން ރުފިޔާ ދައުލަތަށް ހޯދޭނެ އެވެ.